twitterviber whatsapp telegramfacebookyoutube instagram
8th May 2024

ލަދުހުތުރު މަންޒަރު ހިމެނޭ ހުރިހާ ވެބްސައިޓެއްގައި ތަންޑު އަޅުވާނަން: ރައީސް

ނަބީލާ އިސްމާޢީލް
Dec 17, 2023
1

ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ހިންގުމުގެ ސިޔާސަތު ބިނާވެފައިވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށެވެ. އިންސާނީ ބިނާކުރުމުގައި ގައުމު ދެކެ ލޯބިވުމުގެ ފުން އިހްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެ ކަމަށާއި އެކަމާ ގުޅޭ މަޝްރޫއު ކަމުގައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.

"މިގޮތުން ސަރުކާރުގެ ހަފުތާ 14 ތެރޭގައި ހިމަނުއްވައިގެން ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި، ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެ. އަދި މަދުރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަަށާއި ރާއްޖޭގެ ޤާނޫނު އެކަން މަނާކުރާ ކަމަށެވެ. މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށާއި ހަމަ އެހެންމެ ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް، ލޮޑުކޮށްލާކަމެއް، އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކާ." ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށާއި މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓަން ކަމަށާއި، މި ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަސްރުދީ، އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހައި ދިވެހީން އަހުލުވެރިވާން ކަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355