twitterviber whatsapp telegramfacebookyoutube instagram
8th May 2024

ބުލީކުރީކަމަށް ބުނާ މައްސަލައަށް ހާއްސަ ސަމާލުކަމެއްދޭންޖެހޭ

ނަބީލާ އިސްމާޢީލް
Dec 17, 2023

ބުލީކުރުމަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ، މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ. އަތޮޅުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހަރަކާތްތައް ފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށް ގިނަގިނައިން ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީކުރުމުގެ މައްސަލައަށް އަލިއަޅުވާލައްވައި އެކަމަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ހާއްސަ ސަމާލުކަމެއްދޭންޖެހޭ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުދިން ބުލީގެ ޝިކާރައަކަށް ވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތްކަންދިނުމުގައި ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބަހައްޓަވައިގެން މަސައްކަތްކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މިކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި އެއް މިނެޓްގެ ސުކޫތެއް ގެނެސްފައިވެއެވެ. ކުޑަކުދިންގެ ހަވީރުގައި އުކުޅަހުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު މެޑަމް ވަނީ ސްޓޯލްތައް ބައްލަވައިލައްވާފައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 20 ވަނަ ދުވަހެވެ. ދިވެހި ފުލުހުންގެ ހިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ މި ދުވަސް ފާހަގަކުރުމަށް އުކުޅަހުގަޔާއި އއ. އަތޮޅުގައި މި މަހުގެ 12އިން 21 އަށް ސިލްސިލާ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ޗިލްޑްރަންސް އާޓް އެގްޒިބިޝަން، ޗައިލްޑް ސޭފް ޓުއަރިޒަމް، ރަށުތެރެ ސާފުކުރުން، ފަންރަން އަދި މޫދުކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355