twitterviber whatsapp telegramfacebookyoutube instagram
9th May 2024

ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުމަކީ ގައުމަށް ޣައްދާރުވުން: ރައީސް

Dec 17, 2023
1

ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުމުގެ ނިޔަތުގައި މި ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ, ދިވެހި ދައުލަތަށާއި ދިވެހިންނަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެފަދައިން ވިދާޅުވީ، ރައީސާއި ނައިބު ރައީސް ފަސޭހައިން އަޒުލްކުރެވޭނެ އިސްލާހެއްގެ މަސައްކަތްތަކެއް އިދިކޮޅުން ކުރަން ފަށާފައިވަނިކޮށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ތިމާމެންގެ އާރާއިބާރު ދައްކާލާން ބޭނުންވުމުން ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެފަދަ ކަމެއްގެ އަސަރު މި ގައުމަށް ވިޔަ ނުދޭނެ ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތެއް ދެކެ އެމަނިކުފާނު ނުހަނު ލޯބިވާ ކަމަށް ވިދާޅުވިއެވެ.

މުނާފިގުންގެ ސިފައިން މިސާލު ޖައްސަވައި ރައީސް ވިދާޅުވީ މުނާފިގުން ވާހަކަދައްކާ ނަމަ ދޮގު ހަދާނެކަމަށާއި ވައުދެއް ވެއްޖެ ނަމަ އެ ވައުދާ ހިލާފުވެ ހިޔާނާތްތެރިވާނެކަމަށެވެ. ނަމަވެސް އެމަނިކުފާނު ދިވެހި ރައްޔިތުންނަށް އަރުވާނެ ޔަގީންކަމަކީ އެމަނިކުފާނު ވެއްޖެ ވައުދަކަށް އަމާނާތްތެރިވާނެކަމަށެވެ.

"މިސާލަކަށް އިހަށް ދުވަހު ފާއިތުވެގެން މި ދިޔައީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ އަމާޒު. އެއީ ހަތަރު ހަފުތާގެ ތެރޭގައި ހާސިލުކުރާނެ ކަމަށް އަޅުގަނޑު ވައުދުވި ކަންކަން. މާތް ﷲގެ އިރާދަފުޅުން އެ މުއްދަތުގެތެރޭގައި ނިންމާނެކަމަށް ކެންޕޭނުގައި އަޅުގަނޑު ދެންނެވި ހުރިހައި ކަމެއް އެ މުއްދަތުގައި ނިންމަން ކަނޑައެޅިވަރަށް އަޅުގަނޑުމެން އެވަނީ ނިންމާފާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރަވީ ދުވަސް ގޮވާލަނީ ތާރީހުން ފިލާވަޅު ލިބިގަތުމަށް ކަމަށެވެ. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށެވެ. އަދި ހުރަވީ ދުވަސް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށާއި އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ގައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރަވީ ދުވަސް އެންމެން ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ގައުމީ ހިދުމަތަށް ޓަކައި އިސްވެ ހަރަކާތްތެރިވާ މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ކަމަށެވެ.

"ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީހުން ފިލާވަޅު ލިބިގަތުމަށް. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށް. އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް، ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ހިދުމަތަށް ޓަކައި އިސްވެ ހަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް" ރައީސް ވިދާޅުވި އެވެ.

ރައީސާއި ނައިބު ރައީސް ފަސޭހައިން އަޒުލުކުރެވޭ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެ ކޮމިޓީގައި ތިއްބަވަނީ ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ ދެ މެންބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355