ހދ ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންމައިފި އެވެ. އިކޯ ޓޫރިޒަމްގެ ހާއްސަ މަޝްރޫއުއެއް ހިންގޭ ރަށަކަށް ކޭލަކުނު ހަދާ އެ ރަށުން ލިބޭ އިގުތިސޯދީ ފައިދާ ހދ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހޯދައިދޭނެކަމަށް މިދިޔަ އޯގަސްޓަމަހު ރިޔާސީ ކެމްޕެއިންގައި ކުޅުދުއްފުށީގައި ރައިސުލްޖުމްހޫރިޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރެވިއްޖެ ނަމަ އެ ރަށް ވެގެން ދާނީ ރާއްޖޭގައި މި މޮޑެލްއަށް ތަރައްގީކުރާ ފުރަތަމަ ރަށަށެވެ.
ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ނިންމީ، ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް، ގައުމަށް ވަންނަ ފައިސާ އިތުރުކުރުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާ އަދި އެމަނިކުފާނު ޗެއާކުރައްވާ ވިޒިޓާ އިކޮނޮމީ ކައުންސިލުންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް އަންޑަ ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވިސްނަނިީ ފަޅުތެރޭގައި ފްލޯޓިން ވިލާތައް އަޅަން ކަމަށެވެ.
"މި ރަށުގެ ފަރުތަކާއި މުރަކަތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަށް މި ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްސްތަކެއް އެޅޭނެ ގޮތެއް އޮއްތޯ ބަލައި، އެކަން ކުރެވޭނެ ގޮތެއް އޮއްތޯ ބަލައި ދިރާސާކުރަން ވިޒިޓާ އިކޮނޮމިކް ކައުންސިލުގެ މަޝްވަރާގައި ވަނީ ނިންމާފަ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ވިޒިޓާ ސެންޓަރެއް ގާއިމުކުރުމާއި އަދި ރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނުގެ މައުލޫމާތު ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ރަށް ތަރައްގީކުރެވޭނެ ގޮތެއް ދެނެގަތުމަށް ތަފްސީލު ދިރާސާއެއް ކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.