ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް (މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ) އިން ހުޅުވާލައިފިއެވެ.
މި ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ، އެ ދާއިރާއިން މީހުން ބިނާ ކުރުމަށް ކުރިއަށްގެންދާ އަސާސީ މެރިކަލްޗަރ ކޯހެކެވެ.
ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއީއްޒުގެ ހަފުތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ހަރަކާތްތަކުގެ ތެރެއިން ފަރުމަސް އާލާކުރުމަށް ބޭނުންވާ ‘ހެޗަރީ’ތައް ޤާއިމުކުރާނެ ގޮތާއި ‘އެކުއަކަލްޗަރ’ގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުންވުޒާރާގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު. pic.twitter.com/OCXp3n7ztx
— Ministry of Fisheries and Ocean Resources (@MFORmv) January 10, 2024
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީން ފެށިގެން 21 ފެބްރުއަރީގެ ނިޔަލަށް ކ. މަނިޔަފުށީގައެވެ. ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެ އެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ލިބިގެންދާނެއެވެ. އެއަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާނަމަ ފޯމު ހުށަހެޅި ތަރުތީބުން ފުރުސަތު ދެވޭނެކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.