twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީގެ ހައުންސިން ޕްރޮޖެކްޓްތައް އަވަސްކޮށްދިނުމަށް މޭޔަރު އެދިވަޑައިގަންނަވައިފި

އަބްދުލް ވާހިދު ޙަސަން
Jan 16, 2024
1

ކުޅުދުއްފުށީގައި ފަށާ ނުނިމި ހުރި އަދި މިސަރުކާރުން އަޅަން ވައުދުވި ހައުންސިންގ މަޝްރޫއުތައް އަވަހަށް ކުރިއަށްގެންގޮސް ނިންމާލަދެއްވުމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އެދިވަޑައިގަންނަވައިފި އެވެ.

ބޭރުން ލިބޭ ހުރިހާ ހިލޭ އެހީއަކާއި ދައުލަތުގެ ދަރަނީގެ ގޮތުގައި ނަގައި ފައިސާ އަދި ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް އެކަނި ހާއްސަކުރާތީ އެކަމާ ކަންބޮޑުވުންފާޅުކުރައްވަމުން މޭޔަރު އާތިފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިން ބޭނުން ވަނީ މުޅި ދިވެހި ރާއްޖޭގެ ތަރައްގީގެ ތަސައްވަރެއް ކަމަށާއި އެކަން ހާސިލްކުރުމަށްޓަކައި މަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

" ބޭރުން ލިބޭ ހުރިހާ ހިލޭ އެހީއަކާއި، ދައުލަތުން ދަރަނީގެ ގޮތުގައި ނަގާހާ ފައިސާއާއި، ދައުލަތުގެ އާމްދަނީގެ ބޮޑުބައި ގްރޭޓަރ މާލެ ސަރަހައްދު ތަރައްގީކުރުމަށް ހޭދަކުރުމަކީ އަޅުގަނޑުމެން އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ނިކަމެތިކަމެއް." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

ރައީސް ޑރ މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރަސްމާލޭގައި 30،000 ހައުންސިންގ ޔުނިޓް އެޅުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ. އެ 30،000 ހައުންސިންގ ޔުނިޓް މުޅި ރާއްޖޭއަށް ބެހިގެންދާނެ ގޮތަށް ރާވާލަދެއްވުމަށް މޭޔަރު އާތިފް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ މިދިޔަ ސަރުކާރުން ފެށި 400 ހައުންސިން ޔުނިޓްގެ މަސައްކަތާއި އެމެރިކާގެ ކުންފުންޏަކާއި ހަވާލުކުރި 1000 ހައުންސިން ޔުނިޓްގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ޑރ މުއިއްޒު ކުޅުދުއްފުށީގައި އެޅުމަށް ވައުދުވެވަޑައިގެންނެވި 2000 ހައުންސިންގ ޔުނިޓްގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް މޭޔަރު ގޮވާލެއްވި އެވެ.

ކުޅުދުއްފުށީގެ ހައުންސިން މަޝްރޫއުތަކުގެ ތެރެއިންއަވަހަށް ނިންމާލަދެއްވުމަށް މޭޔަރު އެދިވަޑައިގެންވި ކަންކަން

* 30,000 ހައުސިން ޔުނިޓް މުޅި ރާއްޖެއަށް ބެހިގެން ދާނޭގޮތަށް ރާވާލަދެއްވުމަށް.
* ކުޅުދުއްފުށީގައި ސަރުކާރުން ފަށާފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަވަހަށް ނިންމަވާލަދެއްވުމަށް.
* ކޮންޓްރެކްޓަ ފައިނޭންސް އިން ކުޅުދުއްފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް އެމެރިކާގެ ސްޓްރަކްޗަރސް އަންލިމިޓެޑް ލލސ އާއި ފަހިދިރިއުޅުން ކޯޕަރޭޝަންއާއި ދެމެދުވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވުމަށް.
* ރައީސް ޑރ މުއިއްޒު ކުޅުދުއްފުށީގައި އެޅުމަށް ވައުދުވެވަޑައިގެންފައިވާ 2000 ހައުސިންޔުނިޓްގެ މަސައްކަތް ފެއްޓެވުމަށް.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355