މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ކޮންމެ ގަޑިއަކު ވެސް އިމިގްރޭޝަން ޑިޕާޓްމެންޓަށް ހާޒިރުވެ، ޕާސްޕޯޓު ހެއްދުމަށް ހުށަހެޅޭނެ ކަމަށް އެ ޑިޕާޓްމެންޓުން މިރޭ ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުރު ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އިސްކަމެއްދީ، މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށް އަންނަ ފަރާތްތަކަށް ވަގުތުން އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން، މެޑިކަލް އެމާޖެންސީ ކޭސްތަކުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ޕާސްޕޯޓު ހައްދަން އެ ޑިޕާޓްމެންޓަށް ހާޒިރުވެވޭނެ ކަމަށާއި އެ މީހުންނަށް އިމިގްރޭޝަންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭއިރު، އުމުރުން ދުވަސްވީ 65 މީހުންނަށް ވަނީ ހާއްސަ ގަޑިތަކެއް ކަނޑައަޅާފައެވެ.
އެއިދާރައިން ބުނީ އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 ގެ ނިޔަލަށް ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، އެއިދާރާގެ މަގްސަދަކީ ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނަށް އަވަސް، ލުއިފަސޭހަ ހިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.
މިފަދައިން އިންތިޒާމު ހަމަޖައްސާފައިވަނީ ގއ. ވިލިނގިލީ 13 އަހަރުގެ ކުޑަކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވެ، އެ ކުއްޖާ ނިޔާވި ފަހުންނެވެ.
އެ މައްސަލައާ ގުޅިގެން ރައީސް ވަނީ، ބަލި މީހުން އުފުލުން އިތުރަށް ހަރުދަނާކުރަން އަންގަވައިފައެވެ. އެގޮތުން ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާ އެކު، ވީ އެންމެ އަވަހަކަށް ބަލި މީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށް އެ މަނިކުފާނު ވަނީ އެދިލައްވައިފައެވެ.