twitterviber whatsapp telegramfacebookyoutube instagram
5th October 2026

ލޯފަން މީހުން، އެހީއާ ނުލައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 22, 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ބުނީ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެ މީހުން ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ މީހުން މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 1414 އަށް ގުޅައި ރަޖިސްޓަރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި 1414 ގެ ހިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293