"ޓޮބްލެރޫން" ބްރޭންޑްގެ މިލްކް ޗޮކުލެޓުތަކެއް ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ، އެ ބެޗުގެ ޗޮކްލެޓް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ސްވިޒަރލޭންޑްގެ ޓޮބްލެރޫން ޗޮކްލެޓް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓް ވޯކް އަދި ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްއިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
ޕްލާސްޓިކްއިން ތަޢައްޔަރުވެފައިވާ ޓޮބްލެރޯން ބްރޭންޑްގެ ޗޮކްލެޓް ރާއްޖެއަށް އެތެރެވެފައި ހުރުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް އެންގުން pic.twitter.com/67vOg4ORDf
— MFDA (@MFDA_mv) January 29, 2024
މިއީ، ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ތަޣައްޔަރުވެފައިވާ މި އުފެއްދުމުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު މުއްދަތު ހަމަވާ ޓޮބްލެރޫން މިލްކް ހަނީ އެންޑް އަލްމަންޑް ވިއްކުން ވަނީ މަނާކޮށްފައެވެ. އަދި ޓޮބްލެރޫން މިލްކުގެ، މިދިޔަ ސެޕްޓެމްބަރު އެކެއްގައި އުފައްދާފައިވާ ބެޗު ވެސް ވަނީ ވިއްކުން މަނާކޮށްފައެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ނަންބަރު 3014361 އާއި 7603204އިން ލިބޭނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.