ދިވެހިރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ، ރާއްޖޭގެ ތިން މަސް ދޯންޏަކަށް އަރައި، އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގެ ތަފްޞީލު ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާކަން ހާމަކޮށް، ޤައުމީ ދިފާއީ ބާރުން އެ ދުވަހު ހަރަކާތްތެރިވި ގޮތް ރޭ ހާމަ ކުރައްވައިފިއެވެ.
ދިފާއީ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައިވަނީ، ރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން އަންނަނިކޮށް ދިވެހި މަސްދޯނިތަކަށް، އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި، ކަމަށެވެ.
އަދި ރާއްޖޭގެ ސަރަހައްދުގައި، އިންޑިއާއިން ހިންގީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި، އުސޫލުތަކާ ހިލާފު އޮޕަރޭޝަނެއްކަމަށާއި އެ އޮޕަރޭޝަނުގެ ތަފްސީލް ދިވެހި ސަރުކާރާ ހިއްސާކުރުމަށް ވެސް އިންޑިއާގައި އެދިފައިވާނެކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ބަޔާނުގައިވަނީ، މިދިޔަ ބުދަ ދުވަހު، އދ. މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯނި މަސްވެރިިކަން ކުރަމުން އައީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދުގައިކަމަށެވެ.
މަސްވެރިކަން ކުރަމުން އަންނަނިކޮށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައި ތިބިކަމުގެ މައުލޫމާތު ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރުކުރުމަށްފަހު އެމްއެންޑީއެފް ނޮދަން އޭރިއާގެ އޮޕަރޭޝަނެއްގައި އެ ވަގުތު ހަރަކާތްތެރިވި، އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދު "ޝަހީދު އަލީ" އެ ސަރަހައްދަށް ދަތުރުކުރިކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އެ ވަގުތު އެ ދޯނީގައި ތިބި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުނު ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އަސުރުމާ-3ގެ އިތުރުން އެހެން ދެ މަސް ދޯންޏަކަށް ވެސް ބޭރުގެ ސިފައިން އެރިކަން އެމްއެންޑީއެފަށް އެނގުނީ އެ ވަގުތު އެ ތަނަށް ދިއުމުން ލިބުނު މައުލޫމާތުން ކަމަށެވެ.
ދިފާއީ ވުޒާރާއިން ބުނީ ތިން މަސްދޯންޏަށް ވެސް އަރައިފައިވަނީ އިންޑިއާގެ ކޯސްޓްގާޑުގެ ޝިޕް 246 އާއި ޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމުންކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ގެންދާނެ ކަމަށެވެ.