twitterviber whatsapp telegramfacebookyoutube instagram
4th May 2024

ރާއްޖޭގެ އީއީޒެޑް ބެލެހެއްޓޭނެ ގާބިލުކަން އަސްކަރިއްޔާގައި ގާއިމުކުރާނަން: ރައީސް

ނަބީލާ އިސްމާޢީލް
Feb 5, 2024

24 ގަޑިއިރު ރާއްޖޭގެ އީއީޒެޑް ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެމަގުންވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ވަރުގަދަކުރަންޖެހޭ ކަމަށާއި އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

މި އަހަރު ތެރޭގައި ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި ހިފަހައްޓާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާ ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު ކަމަށެވެ.

ދިވެހި ސިފައިންނަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ވަސީލަތްތައް ސިފައިން ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީންވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355