twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޖާބިރު އެމްޑީޕީން ވަކިކޮށް ޓިކެޓް އަތުލައިފި

Feb 5, 2024

އެމްޑީޕީން ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވި އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރުގެ ކެންޑިޑެސީ ބާތިލުކޮށް، އޭނާ ޕާޓީން ވަކިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން މިިގޮތަށް ނިންމީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ އެވެ.

"މި ކަމަކީ މި ޕާޓީ އާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ވާތީ މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފައެ،" އެމްޑީޕީން ނެރުނު، ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައި ވެއެވެ.

ޖާބިރަށް އެމްޑީޕީގެ މެމްބަރުކަން ދެން ދޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައިވެ އެވެ. އަދި ޕާޓީގެ މެމްބަރުކަން އަލުން ދިން ނަމަވެސް ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ޖާބިރު އިންތިޚާބުވީ އަމިއްލަ ގޮތުގައި ވާދަކުރައްވައިގެންނެވެ. އެއީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް އޭނާ އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމަށް ފަހު ނާކާމިޔާބުވުމުން އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހުއެވެ.

މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު ޖާބިރަށް ލިބިފައި ވާއިރު، އޭނާގެ ދަރިފުޅު މުއާޒު އަބްދުﷲ ޖާބިރު ވަނީ މަހިބަދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355