twitterviber whatsapp telegramfacebookyoutube instagram
6th May 2024

ސިޔާސީ މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Feb 5, 2024
1

ސިޔާސީ އިސް މަގާމުތަކަށް ބޭފުޅުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އިއްވެވި ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އެމަނިކުފާނު ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، އެ ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތްކުރަން ޖެހޭ ކަަމށެވެ.

މިގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއީވެސް، ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލުހޯދުމަށް މުހިންމުކަމެއް. މިކަމާބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހެޅި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ކުންފުނިތައް ހަރުދަނާ ކުރުމާބެހޭ ހާއްސަ ސިޔާސަތެއް ވަނީ ފާސްކުރެވިފައި. މީގެ އިތުރުންވެސް، ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފައި،". ރައީސް ވިދާޅުވިއެވެ.

ރައީސް މީގެ ކުރިން ވަނީ ކުރީގެ ސަރުކާރަށްވުރެ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމު މަދުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 700 އަށްވުރެ ސިޔާސީ މަގާމު އިތުރު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި މިނިސްޓްރީތައް އިތުރުވެގެން ދިޔަނަމަވެސް ސިވިސް ސާވިސްއަށް އޭގެ ޒާތުގައި ނަގަން ޖެހޭ މުވައްޒަފުން ނިސްބަތުން އިތުރުވެގެން ނުދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގާތްގަނޑަކަށް އަލަށް ނަގާ ވަޒީފާތައް ފަސް އިންސައްތަ ވެސް އިތުރު ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސިޔާސީ އިސް މަގާމުތަކަށް އިތުރަށް ބޭފުޅުން އައްޔަން ނުކުރަން ނިންމަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި މިވަގުތު 93 ބޭފުޅަކު އެބަ ތިއްބެވި އެވެ.

މީގެ އިތުރުން ވަޒީރުންގެ ނައިބުންގެ ގޮތުގައި 163 ބޭފުޅަކު ތިއްބެވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައިވާ މައުލޫމާތުތަކުން އެނގެ އެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސާއެކު މަހަކު 47،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ވަޒީރުންގެ ނައިބުގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355