ފަށާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީ ސިފަވާން މާގިނަ ދުވަހެއް ނުނަގާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިދިޔަ ވިއްސަކަށް އަަހަރުތެރޭގައި އެކި ރައީސުންގެ ވެރިކަން ތަޖުރިބާކުރެވިއްޖެކަމަށާއި ނަމަވެސް ރައްޔިތުންނާއި ގާތުން ވެރިކަންކުރާ މަންޒަރު ފެނިގެންދަނީ ރައީސް މުއިއްޒުގެ އަދުގެ ޒައާމަތުންކަމަށެވެ.
އުމްރާނީ ގޮތުން ރާއްޖޭގެ އެކި ހިސާބުތައް ތަރައްގީ ކުރާއިރު ފެންނާނީ ދުބާއީގެ ސިފައިގައި ކަމަށެވެ. އަދި އެދުވަސް އޮތީ ވަރަށް ގާތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެކި ގޮތްގޮތުން އެހީ ހޯއްދަވައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަ ށެވެ.
“އެމަނިކުފާނުގެ ތަސައްވުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ. މާލެ ކައިރީގެ ހިސާބުތަކާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަރައްގީގެ މަންޒަރުތަކާއެކު ދުބާއީގެ މަންޒަރުތައް ސިފަވާނެ މަންޒަރު މާ ލަސްތަކެއް ނުވެ ފެންނާނެ.”އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ ތަރައްގީގެ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ އެއް މަޝްރޫއުކަމަށްވާ ރަސްމާލެ މަޝްރޫއުގެ ތެރެއިން ކަނޑުއަޑީގެ ޓަނަލެއް ހަދާނެކަމަށް ވިދާޅުވުމުން އެކަން ނުވާނެކަމަށް ބައެއް މީހުން ބުނިނަމަވެސް، އެ ވާހަކަފުޅުތައް ރައީސް ދައްކަވަނީ އިންޖިނިއަރިންގެ ތަޖުރިބާއާއި ބޭރުގެ ތަޖުރިބާއާއެކުކަމަށެވެ. އަދި އެއީ ވާނެކަމެއްކަން ޔަގީންކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުން ފެންނަނީ ތަރައްގީއަށް މަސައްކަތްކުރުމުގެ ބަދަލުގައި ތަރައްގީއަށް ހުރަސް އަޅާ މަންޒަރުކަމަށާއި، އެކަން ހާމަވީ ރައީސްގެ ތަރައްގީގެ ތަސައްވުރުގައި ހިމެނޭ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުން އުނިކުރެއްވުމުންކަމަށެވެ. މީގެއިތުރުން ރައީސްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތައުލީމީ ގާބިލް ވަޒީރުންނަށް ރުހުން ނުދިން މައްސަލަވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މަޖިލީހުގެ ތެރެއިން ދިމާވާ އެ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ތަސައްވުރާއިގެން ކުރިއަށް ދެވޭނީ މަޖިލީހުން ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދަން މަޖިލީހުގެ އެއްބާރުލުން ބޭނުުންވާނެކަމަށާއި، އެއްބާރުލުން ނުލިބިއްޖެނަމަ ހުރަސްތައް ކުރިމަތިވާނެކަން ވަޒީރު ވިދާޅުވިއެވެ.