twitterviber whatsapp telegramfacebookyoutube instagram
6th May 2024

ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރަނީ

Feb 17, 2024

ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ ޕްރޮގްރާމްގައި ލ.މާބައިދޫ، ލަކްސްލިން، އާދަމް ޢަބްދުﷲ، ވަނީ ޑޮކްޓަރަށް ދެއްކުމުގައި ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވަން ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

އެގޮތުން، އެޕޮއިންޓްމެންޓު ނުލިބުމާއި ޑޮކްޓަރު ވަގުތަށް ޕޭޝަންޓުން ބަލަން ނުފެށުން ފަދަ މައްސަލަތަކުގެ ސަބަބުން ދަތިތައް ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ ހަރަދު އަތުން ދާކަން އޭނާ ފާހަގަކުރިއެވެ.

އާދަމް ޢަބްދުﷲގެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސިއްހީ ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކަރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން އިތުރުކުރަން މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ތިބި ސްޕެޝަލިސްޓުން ވީހާވެސް ގިނައަކުން ހޮސްޕިޓަލުގައި އެމްޕްލޮއީކުރުން ނޫނީ ވަޒީފާ ދިނުމަކީ މަސައްކަތް ކުރާ އެއް ކަންތައް. އޭގެ އިތުރަށް ބޭރުން ވެސް ރާއްޖޭގައި ސްޕެޝަލިސްޓުން ނެެތް ދިމަދިމާލަށް، ދާއިރާތަކަށް ހޯދުން ވެސް އެއީ މިހާރު ފަށާފައިވާ މަސައްކަތެއް،" ސްޕެޝަލިސްޓުން ގިނަ ވުމުން އެ މައްސަލަ ހައްލުވާނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ، އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާ އެކީގައި ހަމަޖެހޭނެ ގޮތަކަށް ނިޒާމު ބައްޓަން ކުރަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ޑޮކްޓަރުން ވީހާވެސް ގިނަ ވަގުތު ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ގޮތަކަށް ވެސް ނިޒާމު ބައްޓަން ކުރަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުތައް މުޅި ރާއްޖެއިން ފެންނާނެ ކަމަށާއި އޭރުން ޕޭޝަންޓުންނަށް ކުރިމަތިވާ މިފަދަ މައްސަލަތައް ހައްލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355