twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މަސްވެރިންނަށް ނުދެވި 280 މިލިއަން ރުފިޔާ، އަންނަ މަހު ބެކްލޮގް ފިލުވާލެވޭނެ: މިނިސްޓަރު

Feb 18, 2024

އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 280 މިލިއަން ރުފިޔާ އެކީ ދީ ނިންމޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބިގެން ގއ. ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވުމުން، ދެން ކިރާ މަހުގެ ފައިސާ ހަފުތާއެއް ތެރޭ ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

"ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހައްގު ހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުހަބާ ކިޔާނެ. ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް އަދި އެ މާހައުލު ގާއިމުކޮށްދެއްވުމަށް އަޅުގަނޑުވެސް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދެން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ ފަސް ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ. އަދި މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމަށް ވެސް ވިދާޅުވިއެވެ.

ޝިޔާމް އިވިދާޅުވީ މަސްވެރިންގެ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ މި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ފަހު މިންޒިލެއްގެ ގޮތުގައި ކޫއްޑޫ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވީ، މަސްވެރިންނަށް މި ސަރުކާރުން މިހާތަނަށް ޖުމުލަ 422 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ނުދެވި 270 މިލިއަން ރުފިޔާ ހުރި ކަމަށެވެ. އެ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ވެސް ޝިޔާމް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355