twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ގޭގައި އުފައްދާ ކާބޯ ތަކެއްޗަށް ހާއްސަ ލޯގޯއެއް

ނަބީލާ އިސްމާޢީލް
Feb 20, 2024

ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ޑިޒައިންކުރި ހާއްސަ ލޯގޯއެއް ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

އިއްޔެ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، 24 ގަޑިއިރުގެ ތެރޭގައި މުއްދަތު ހަމަނުވާ އެއްޗެހި ބަންދުކޮށް، އެ ޕެކްގައި ބޭނުންކުރާ ލޯގޯ އިފުތިތާހު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި އެ ކަމަނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ މީހުންނަށް ލޯގޯއެއް ދިނުމަކީ އެ ތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.

ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންނަށް އެ މީހުންގެ ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިވެ، ހާއްސަކޮށް އަންހެނުން ކުރާ ވިޔަފާރިތަކަށް ފައިދާ ލިބޭނެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

މި ލޯގޯ ތައްޔާރުކުރުމުގެ މަސައްކަތް ބީސީސީން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއެކު ކުރެއްވިކަމީ، އާމްދަނީ ހޯދުމަށްޓަކައި ގޭގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ފައިދާކުރާނެ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ކަމާގުޅޭ އިދާރާތަކުން މިގޮތަށް ގުޅިގެން ކުރާ މަސައްކަތްތަކުން ގައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ގާނޫނަކަށްވެ އެ ގާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި މިކަމުން ރައްޔިތުންގެ ފައިދާއަށާއި ގައުމުގެ ކުރިއެރުމަށް މަގުފަހިކުރެވިގެން ދާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ. "އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު" ބީސީސީން އެކުލަވައިލައި މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355