twitterviber whatsapp telegramfacebookyoutube instagram
28th April 2024

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު އަދި ސާފެއްނުވޭ: މިނިސްޓަރު

ނަބީލާ އިސްމާޢީލް
Feb 20, 2024

ރާއްޖޭ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބެއް ބަލަމުންދާ ކަމަށާއި އެކަން އަދި ސާފު ނުވާ ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝިޔާމް ވަނީ ހާޒިރުކޮށްފައެވެ.

އިތުރު ސުވާލުގެ ވަގުތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީވަނީ އިންޑިއާ ސިފައިންތަކެއް ހަތިޔާރާ އެކު ދިވެހި މަސް ދޯނިތަކަކަށް އެރި ސަބަބު ސާފުވެވަޑައިގެންފިތޯ ސުވާލު ކުރައްވައިފައެވެ. އެކަމަކު، ވަޒީރު ވިދާޅުވީ، އެ ކަމުގެ ތަފުސީލުތައް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ކީއްވެ ހިނގައިދިޔަ ކޮން ކަމެއްތޯ ސާފުވެވަޑައިގެންފިތޯ ސަރުކާރަށް،" އިންތި އެއްސެވިއެވެ.

ވަޒީރު ވިދާޅުވީ ސުވާލުގެ މުހިއްމުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ ތަފުސީލުތައް މި ވަގުތު އެނގިވަޑައިނުގަންނަވާ ކަމަށާއި ކަމާ ގުޅުންހުރި ވުޒާރާއިން މައުލޫމާތު ސާފު ކުރެއްވުމަށް ފަހުގައި ހިއްސާކޮށްދެއްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސީދާ އަޅުގަނޑާ ހިސާބުގައި ތި ސުވާލުގެ ޖަވާބު ނެތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ސާފުކޮށްލާފައި، އެއީ ކީއްވެ ހިނގާދިޔަ ކަމެއްތޯ، އެ ސުވާލުގެ ޖަވާބު ގުޅުންހުރި އިދާރާއިން ހޯދާފައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ސީދާ އިއްޒަތްތެރި މެންބަރާ ހިއްސާކުރައްވާނެ ވާހަކަ ދަންނަވަން،" ވަޒީރު ވިދާޅުވިއެވެ.

31 ޖެނުއަރީ އަދި 1 ފެބްރުއަރީގައި އިންޑިއާ ސިފައިން ވަނީ ހަތިޔާރާއެކީ ރާއްޖޭގެ މަސްދޯނިތަކަށް އަރާ ހަރަކާތްތެރިވެފައެވެ. އެވަގުތު އެދޯނިތައް ތިބީ ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި މަސްވެރިކަމުގައެވެ. އިންޑިއާ ސިފައިން ރާއްޖޭގެ ބޯޑަރަށް ވަނީ ހުއްދަ ހޯދުމަކާއި ނުލައެވެ.

އިންޑިއާ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފައެވެ. މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެނިގެންދިޔައީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާ މަންޒަރެވެ.

އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވަން ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ. ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގައި ޖަވާބެއް ހޯދަން އެދުނު ނަމަވެސް އެހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355