twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހއ އަތޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަނީ

Feb 25, 2024

ހއ އަތޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ދެތިން ހަފުތާއެއްގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބަައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކުގައި ބަންކަރިންގެ ހިދުމަތަށް އެ ސަރަހައްދު ވަންނާނެ ކަމަށެވެ. އަދި އެއަށް ފަހު ތިން މަސް ދުވަހުގެ ތެރޭގައި، ވިޔަފާރި ފެށިގެން ދާނެކަމުގެ އުންމީދު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެންމެ ލަސްވެގެން ވެސް އަންނަ ޖުލައިމަހުގެ ތެރޭގައި އެ ވިޔަފާރި ހއ އަތޮޅުގައި ފެށޭނެ ކަމަށެވެ. އަދި ބަންކަރިންގެ ހިދުމަތް ފެށުމުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުންތައް ލިބޭނެ ކަމަށާއި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބި، އާމްދަނީ ރަނގަޅު ވެގެން ދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދައި، ހޯރަފުށްޓާއި އިހަވަންދޫގެ ސިނާއީ ފަޅު، އެ ކުންފުންޏަށް ދީފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފަށާނެކަން ސައީދު ހާމަ ކުރެއްވިއެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވެއެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޑިވަލޮޕްމެންޓް ބޭންކެއް ގާއިމް ކުރުން ވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355