ނިމިދިޔަ ސަރުކާރުގައި މަޝްރޫއުތަކެއް ހިންގުން ލަސްވެގެން ކުވެއިތު ފަންޑުން ދިން ހިލޭ އެހީ އަނބުރާ ގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރައްވައިފިއެވެ.
ކުވެއިތު ފަންޑުން ދިން ހިލޭ އެހީ އަނބުރާ ގެންދިޔަކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅެއްގެ ހަބަރު ރީޕޯޓުކުރުމަށްފަހު އަމީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުވެއިތު ފަންޑުން އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ކަމަށާއި އޭރު ފަންޑު ދިނުން އަނބުރާ ގެންގޮސްފައިނުވާ ކަމަށެވެ.
މިއީ ކަނޑައެޅިގެން ދޮގެެއް. ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން. މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް/ ފަންޑު ދިނުން އަނބުރާ ގެންގޮސްފައިނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ޤާބިލް މީހުން އައްޔަން ކުރަން ފެނޭ. https://t.co/uLLo9fFrU9
— Ibrahim Ameer (@iameeru) February 26, 2024
ރައީސް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަނިމާދޫ ހިމެނޭ ގޮތަށް އިތުރު ތިން ވަރަކަށް ރަށުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖެހިފައި އޮތް ކަމަށެވެ.
"ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައި ދީފައި އޮތީ. ނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރަމުން ގޮސް ކުވައިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަހަލަ ކޮންމެ ފަންޑަކުން ވެސް ފައިސާ ދިނުމުގައި އުސޫލެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ފުރިހަމަ ކުރަން ޖެހޭ ޕްރޮސީޖަތަކެއް ހުންނާނެ ކަމަށާއި އެ ފަންޑު އަނބުރާ ގެންދިޔައީ އެކަންކަން ނުކޮށް ފަރުވާ ކުޑަ ކުރީމަ ކަމަށް ވިދާޅުވިއެވެ.
"މިއީ ކަނޑައެޅިގެން ދޮގެެއް، ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން، މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް، ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ގާބިލް މީހުން އައްޔަން ކުރަން ފެނޭ،" އަމީރު ވިދާޅުވިއެވެ.