ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ އެކަމަށް ހޭދަވާ ވަގުތު ކުޑަކުރަން ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިދިޔަ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގައި ކަމަށެވެ.
މީގެ ކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން 6 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ.
ނަމަވެސް، މި މަޝްވަރާތަކަށްފަހު އެއްބަސްވެފައި ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް އެއާ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން ދެ ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށެވެ. އެގޮތުން، މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއާޕޯޓުގައި ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ރައީސް އޮފީހުން ބުނީ، ދިވެހި ރައްޔިތުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. އެގޮތުން މިއީ އިމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ގެންދިއުން އަވަސްކޮށްދިނުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރައްވާފައިވާ މަސައްކަތެއް ކަމަށް ބުންޏެވެ.
އެއަރ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވުމާއި އެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އަންނަ މަހުގެ އެއް ވަނަ ދުވަހު އެ ހިދުމަތް ތައާރަފްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒުގެ ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.