twitterviber whatsapp telegramfacebookyoutube instagram
1st May 2024

ބޭނުންވަނީ ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކީ މުއްސަންޖަކަށް ހަދަން: ރައީސް

ނަބީލާ އިސްމާޢީލް
Mar 3, 2024

އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ކަމަށާއި، ބޭނުންފުޅުވަނީ ދައުރު ނިމޭ އިރު ކޮންމެ ރައްޔިތަކީވެސް މުއްސަންޖަކަށް ވުުން ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ރ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބޭނުންވަނީ އެ މުއްސަނދިކަމަކީ އިޖްތިމާއީ ގޮތުންނާއި ފުދުންތެރިކަމުގެ ގޮތުންނާއި އާމްދަނީ އަދި ގެދޮރުވެރިކަމުގެ ގޮތުން ލިބޭ މުއްސަނދި ކަމަށް ވާން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވުމަށް ބޭނުންފުޅުވާކަމުގައެވެ. އެގޮތުން އެމަނިކުފާނުގެ އަމާޒަކީ، ރައްޔިތުންނަށް ލިބޭ އާމްދަނީގެ ގޮތުންނާއި، ފުދުންތެރިކަމުގެ ގޮތުންނާއި، ގެދޮރުވެރިކަން ހާސިލްވެގެން ދިއުމުންނާއި، އިޖުތިމާއީ ގޮތުން އެ ލިބޭ ހިތްހަމަޖެހުމުން ލިބުމުންނާއި، އަދި ދަރިންގެ ކަންކަން ހާސިލުވުމުން އެ ލިބޭ އުފާވެރިކަމުންނާއި، އަދި ދިވެހިރާއްޖެ އޮތީ ސަލާމަތްތެރިކަމާއެކީ މިނިވަންކަންމަތީ އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަޤީންވެގެން އެ ލިބޭ އިހުސާސުގެ މުއްސަނދިކަން އެންމެނަށް ލިބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިސާދީ ތަރައްގީ ހާސިލްކުރުމަށްޓަކައި މުޅި ސަރުކާރުން މަސައްކަތް ކުރާކަމުގައި ފާހަގަކުރަވައި ރައީސް ވިދާޅުވީ މިހާރު ކޮންމެ ކައުންސިލަކަށްވެސް ފަޅުރަށެއް ނެގޭނެކަމުގައެވެ. އަދި އެ ފަޅުރަށަކީ ކޮންމެހެން ރަށާ އެންމެ ކައިރީގައި އޮންނަ ރަށަށް ވާން ނުޖެހޭކަމަށާއި، އެހެން ސަރަހައްދަކުންވެސް ބޭނުން ހިފިދާނެ ރަށެއް އޮތިއްޔާ އެ ރަށެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ކައުންސިލްތަކަށް މި ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ބިން ހިއްކުމާއި، ހޮސްޕިޓަލް ޤާއިމުކުރުމާއި، ރައްޔިތުން ބޭނުންވާ ބޮޑު މިނުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް މީދޫގެ ރައްޔިތުންނަށް ގިނަ ކަންކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަންކަން ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355