twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރޯދަމަހު ކަރަންޓާއި ފެން ބިލް ބޮޑެއް ނުވާނެ: ރައީސް

ނަބީލާ އިސްމާޢީލް
Mar 4, 2024

އާއްމުގޮތެއްގައި ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލަށް އަރާވަރަށްވުރެ ބިލުތައް ބޮޑުނުވާނެގޮތަށް ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުންނަށް ތަކުލީފު ބޮޑުވާ ކަމަށެވެ. ނަމަވެސް، މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

"އާންމު މަހެއްގައި ހުންނަ ރޭޓުގައި ކެޕް ކޮށްފައި، އޭގެ މާނައަކީ އާންމު މަހެއްގައި ހުންނަ ވަރަށް ވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ފެނާއި ކަރަންޓު ބިލު ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

މިހާރު ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް މިކަމުގެ މަޝްވަރާތައްކޮށް، އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުންފުނިތަކުން ވަނީ ޔަގީންކަން ދީފައި، ކިތަންމެ ލޯޑު ބޮޑުވިނަމަވެސް، އާއްމު ރޭޓުގައި ބިއްލަތައް ހިފަހައްޓަނެކަމަށް. ކުންފުނިތަކުގެ އެމްޑީން ވަނީ އެ ޔަގީންކަން ދެއްވާފައި. އާއްމު މަސްތަކުގައި ޔުޓިލިޓީ ބިލްތައް ހުންނަ ކެޕްގައި ބިލަށް އަރާނީ."ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޓެލްކޯއިން ފެނުގެ ހިދުމަތްދޭ ހަ ރަށަކުން ނަގާ 30 ރުފިޔާގެ ޗާޖު ވެސް އުވާލަން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

ރޯދަމަހު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހަދިޔާ ކުރެއްވުމަށް ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފުށާއި ހަނޑުލުގެ ޝިޕްމަންޓްތައް ރާއްޖެ ލިބި، ކައުންސިލްތަކުން އެ ތަކެތި ބެހުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި މިއީ މި އެހީ ބެހުމުގައި ފަގީރުންނާއި ނިކަމެތިންނަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައިސް ވަނީ މިމަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ހަރަދު، ޑޮމެސްޓިކް ރޭޓަށް ތިރިކުރަން ނިންމައި އެކަން ވެސް މިދިޔަ އަންގާރަ ދުވަހު އިއުލާނު ކުރައްވާފައެވެ. އަދި ރަށު ޕިކަޕުގެ ފީއެއްގެ ގޮތުގައި ސަރުކާރުން ނަގާ 1،800 ރުފިޔާ ވެސް އުވާލަން ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް ވިދާޅުވީ، މި ހުރިހާ ކަމަކީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ނިޔަތުގައި ކުރައްވާ ކަންކަން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355