twitterviber whatsapp telegramfacebookyoutube instagram
1st May 2024

އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދިނުން އިތުރުކުރަންޖެހޭ: ރައީސް

ނަބީލާ އިސްމާޢީލް
Mar 12, 2024
1

އެންމެންގެ މެދުގައި ގުޅުން ބަދަހިކޮށް، އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި، އެފަދައިން އަމަލުތައް ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.

އެ ހިތޯބުގައި، ރަމަޟާން މަހަކީ، ހުރިހައި ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމުގައި ފާހަގަކުރައްވައި، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައިވެ އެވެ.

އަދި އެމަނިކުފާނު ވަނީ ހެޔޮ ފޯރުވުމުގައި ނަމޫނާ ދެއްކުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ މައްސަލަ ރޯދައަށް ހައްލުކޮށްދެވުމާއި، ކުއްލި ހާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ރޯދައިގެ ކުރިން ހައްލުކޮށްދެވުމާއި، ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމާއި، ރަމަޟާން މަހުގެ ފަހު ދިހައެއް އަޅުކަމަށް ހާއްސަކުރެވި، އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައިވާކަން ފާހަގަކުރެއްވިއެވެ.

މި ހިތޯބުގައި ރައީސް ވަނީ، އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެއްގެ ގޮތުގައި ސިފަކުރައްވާ މުޅި އުންމަތަށް ހެޔޮދުއާ ކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ.

އަދި ހާއްސަކޮށް ފަލަޞްޠީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަޞްރުދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރެއްވުމަށް އެމަނިކުފާނު ދުއާކުރެއްވިއެވެ.

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި، އެމަނިކުފާނު ވަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355