ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އިންޓަނެޓު މެދުވެރިކޮށް ކުރިމަތިވާ ކަންތައްތަކަށް ހައްލު ގެނައުމަށް ޓަކައި 'ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ' ގެ ނަމުގައި އިދާރާއެއް އުފައްދައިފިއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި އެޖެންސީ އަކީ ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފައްދަވައިފައިވަ އެޖެންސީއެއް ކަމަށެވެ.
އަދި މި އިދާރާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާނެ ތަނެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ ސައިބަ ސެކިއުރިޓީ އެޖެންސީއެއް ރައީސް ގާއިމު ކުރެއްވީ، ދިވެހި ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާއި ގުޅުންހުރި އެންމެހާ ކަންކަމުގައި ފާރަވެރިވުމުގެ ގޮތުން ކަމަށެވެ.
އަދި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކޮށް ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލު ކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަކީ ވެސް މި އެޖެންސީގެ މަސައްކަތެކެވެ.
މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީވުމުގެ އިތުރުން މި ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރަން ބޭނުންވާ އާލާތްތަކާއި ވަސީލަތްތަށް ހޯދަން ގައުމީ ފެންވަރުގައި ކުރަން ޖެހޭ މަސައްކަތްތަށް ކުރާނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި އިދާރާ އުފެއްދެވިކަމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ.
އަދި ވީ އެންމެ އަވަހަކަށް މި އެޖެންސީގެ މަސައްކަތްތައް ފައްޓަވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި އިދާރާއަށް ދިވެހި ބަހުން ކިޔަން ހަމަޖެހިފައިވާ ނަމަކީ 'ސައިބާ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާ'އެވެ.
ސައިބާ ސެކިއުރީޓީއަށް ހާއްސަ އެޖެންސީއެއް ރައީސް އުފެއްދެވިއިރު މި ފަހުން ފުލުހުންވަނީ އެކި އޮންލައިން އެޕްލިކޭޝަންތަކުގައި ދިވެހީން ހިންގާ ކުށުގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފައެވެ.
މީގެ އިތުރުން ސަރުކާރުން ވެރިކަމާ ހަވާލުވެ މަދު ދުވަސްކޮޅެއް ތެރޭ ބަރަހަނާ ސައިޓުތައް ބްލޮކްކޮށްފައިވާއިރު ހުއްދަ ނެތި ރަޖިސްޓްރީކުރުމަކާ ނުލައި ހިންގާ ދޮގު ހަބަރު ފަތުރާ އޮންލައިން ނޫސްތަކާއި ބްލޮގްތައް ވެސް ސަރުކާރުން އަންނަނީ ހުއްޓުވަމުންނެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން އިންޑިއާއާއި ރާއްޖެއާ ދެމެދު އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން އެ ގައުމުގެ ހެކަރުން ވަނީ ރާއްޖޭގެ ސަރުކާރުގެ މުހިންމު އޮފީސްތަކުގެ ވެބްސައިޓުތައް ހެކުކޮށް ހަމަލަ ދީފައެވެ.