twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރޯދަމަހު ފަހު 10ގައި ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް

Mar 29, 2024

ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގައި، ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ސަރުކާރުންވަނީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެގޮތުގައި ހަމަޖައްސަވާފައެވެ. އަދި އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސް ނިންމަވާފައިވާތީ، އެއިނާޔަތް ދޭނެ މުވައްޒަފުން މާލީ ވުޒާރާއިން މިހާރުވަނީ ކަނޑައަޅުއްވާފައެވެ.

ފިނޭންސް މިނިސްޓްރީ ނެރުނު ސާކިއުލާއެއްގައި ވަނީ އެއިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުންގެންދާ އުސޫލުން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އިނާޔަތް ދޭން ޖެހޭނެ އެވެ.

އެގޮތަށް އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށެވެ.

ފިނޭންސް މިނިސްޓްރީ ބުނީ، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަސްތަކަކީ ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް އެ ޤާނޫނުގެ 38ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަހުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ހިމެނޭ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑަށް އަމަލުކުރަން ޖެހޭނެ ކަމަށްވެސް މާލީ ވުޒާރާގެ ސާކިއުލާގައިވެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގައި ހާޒިރީ އިނާޔަތް ދޭން ޖެހޭނެކަމަށްވެސް މިސަރކިއުލާގައިވެއެވެ.

އަދި ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އާންމު ހާލަތުގައި ހަފުތާގެތެރޭގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކަށް އެ މުވައްޒަފަކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދިނުމަށް ވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355