ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެތަކެތީގެ މަގުމަތީ އަގު 21.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 410 މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހު އެކަނި ވެސް 130 މައްސަލައެއް ވަނީ އެ އިދާރާއަށް ހުށަހަޅާފައެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ގޮތުގައި އެކަމަށް ހާއްސަ ޓާސްކް ފޯހެއް ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ދާހިލީ ސަލާމަތާ ބެހޭ ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޕޯސްޓް މެދުވެރިކޮށް ގެންނަ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް، އެއަށް އޮތް ޑިމާންޑު ދަށްކުރުން މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. މީގެ ސަބަބުން މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.