ސަރުކާރުގެ ވިސްނުމަކީ، ކުށުގެ މާހައުލަށް ހުށައެޅޭ ކުޑަކުދިން ރީހެބިލިޓޭޓުކުރުމަށްޓަކައި ހާއްސަ ފެސިލިޓީއެއް ހެދުންކަމަށާއި، އެކަމުގެ މަސައްކަތްތައް ކެބިނެޓުގައި ކުރަމުން އަންނަކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
"ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޓާސްކްފޯސް"އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ކުށުގެ ވެށީގައި ތިބި ކުދިން ރިހިބިލިޓޭޓް ކުރުމަށް ލޯންގް ޓާމް ކެއާ ފެސިލިޓީއެއް އެޅުމަށް ގާނޫނުން ލާޒިމް ކުރާ ކަމަށެވެ. އެ ކެއާ ފެސިލިޓީއަކީ އެޓް ރިސްކުގައި ތިބޭ ކުދިން މުޖްތަމައުގައި ތިބެގެން ފަރުވާ ނުދެވިދާނެ ކަމަށް ގަބޫލްކުރެވި ދިގު މުއްދަތަށް މުޖްތަމައުއިން އެކަހެރިކޮށް ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ފެސިލިޓީއެއްގައި ބަހައްޓައިގެން ފަރުވާ ދެވޭނެ ކަމަށް ގަބޫލްކުރެވޭ ހާލަތުގައި އެގޮތަށް ކަން ކުރުމަށް އޮންނަން ޖެހޭ ފެސިލިޓީއެއް ކަމަށެވެ.
އެހެން ކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅަކީ އެ ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ.
“އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކަށް ނުބެލެހެއްޓި އަހްލާގީ ގޮތުން މުޖްތަމައުން އެކަހެރިވެގެންދާތަން ފެނި އަދި އެކި އެކި ކުށްތަަކަށް އަރައިގަންނަ ފަރާތްތަކާިއެކުގައި ކުށުގެ މާހައުލުން ތަކުރާކުރުން ފުލުހުންނާ ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން. އެ ނެގޭ ނެގުން އަންނާނީ ގާނޫނު ގެ ތެރެއިން ބުނާ ގޮތުން ކޯޓު ހުކުމެއްގެތެރެއިން." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމަށްފަހު ލޯންގް ޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީގައި ކުއްޖާ 18 އަހަރު ވަންދެން ބަލާނެ ކަމަށެވެ. އަދި އެ ސެންޓަރަށް ގެންގޮސްފައި ކުރެވޭނެ ކަންކަމަކީ ތައުލީމު ދިނުމާއި އަހްލާގީ ގޮތުން ދޭންޖެހޭ ފަރުވާ ދިނުމާއި ސްކިލް ޑިވެލޮކްކުރުމާއި ސައިކޯ ސޯޝިއަލް އިންޓަވެންޝަން ޕްރޮގްރާމެއް ދިނުން ކަމަށެވެ.
ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުދިންގެ އަދަދުވަނީ ކަންބޮޑުވާހާ މިންވަރަށް އިތުރުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ 200 އެއްހާ ކުދިން ދެގަނެވިފައިވާ ކަމަށެވެ.