twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރާއްޖެ އަށް ސައުދީ އިން ހަދިޔާކުރި ކަދުރު ބަހަނީ

Apr 8, 2024

ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ސައުދީ އިން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ. އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ފުރަތަމަ ހަފުތާގެ ތެރޭގައި ކަދުރު ބަހަ އެވެ.

އެކަމަކު މި ފަހަރު ރޯދަމަސް ނިމެން ގާތްވެފައި ވަނިކޮށް ކަދުރު ބަހަން ފަށާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ކަދުރު ބަހާނެ ގަޑިތައް އިއުލާނުކޮށްފަ އެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާ ކުރި ކަދުރު ބަހާނީ ހަ ދުވަހެއްގައި ކަމަށެވެ.

އެގޮތުން މިއަދު ކަދުރު ބަހަން ފަށާނެ ކަމަށާއި ކަދުރު ބެހުން އޮންނާނީ މެންދުރު 13:00 އިން 15:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މާދަމާގެ ވެސް އެ ގަޑިތަކުގައި ކަދުރު ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކަދުރު ބެހުން ދެން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށް ކަމަށާއި އެ ދުވަސްތަކުގައި ކަދުރު ބެހުން އޮންނާނީ މެންދުރު 13:00 އިން 15:00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެނދުރު 12:00 އަށް ވެސް ކަދުރު ބެހުން އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމަށާއި ކޮންމެ ގޭބީސީއަކަށް ބަހާނީ އެއް ޕެކެޓް ކަދުރެވެ. ރަށް ރަށުގައި ކަދުރު ބަހާނީ ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.

ކަދުރާ ހަވާލުކުރާނީ އެ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

ސައުދީން މި ފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 55 ޓަނުގެ ކަދުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355