twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކަރަންޓް މައްސަލަ ހައްލުނުވެ ދިގުލައިދާތީ ކުޅުދުއްފުށީގައި މުޒާހަރާ ކުރަނީ

ނަބީލާ އިސްމާޢީލް
Apr 8, 2024
1

ކުޅުދުއްފުށީ ކަރަންޓް މައްސަލަ ހައްލުނުވެ ދިގުލައިދާތީ ފެނަކަ ކުޅުދުއްފުށީ އޮފީސް ކައިރީގައި ކުޅުދުއްފުށީ ރައްޔިތުންގެ ބަޔަކު ނިކުމެ މުޒާހަރާކުރަން ފަށައިފި އެވެ.

ހޫނުގަދަވެ ލޯޑްމަތިވުމުގެ ސަބަބުން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާތާ ދޮޅުމަސްވެއްޖެ އެވެ. އެކަމާ ހެދި ގިނަ ގޭބިސީތަކުގައި ބޭނުންވާ ކަރަންޓް ސާމާނު ހަލާކުވެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މި މުޒާހަރާގެ ބައިވެރިން ފެނަކަ އޮފީސް ކައިރިއަށް އެއްވެފައިވާއިރު އެ މަގުވަނީ އެއްކޮށް ބަންދުވެފަ އެވެ. މި ބައިވެރިން ބައެއް ޕޯސްޓަރުތައް ބޭނުންކުރާއިރު މުޒާހަރާގެ ބައިވެރިން ލައުޑް ސްޕީކަރު ބޭނުންކޮށްގެން އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

މުޒާހަރާގެ ބައިވެން ގޮވަމުންދަނީ ކުޅުދުއްފުށީގެ ކަރަންޓް މައްސަލައަށް ސަރުކާރުގެ އަވަސް ޖަވާބެއް ބޭނުންވާ ކަމަށާއި މި ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މީގެ އިތުރުން މި ބައިވެރިން ގޮވާލަނީ ކަރަންޓު މައްސަލައިގެ ސަބަބުން އާންމު ރައްޔިތުންގެ އަގުބޮޑެތި މުދަލަށް ވެފައިވާ ގެއްލުމުގެ ބަދަލު ސަރުކާރުން ހަމަޖައްސައިދުނުމަށެވެ.

ކެއޯއަށް ދެއްވި އިންޓަވިއުއެއްގައި މިދިޔަ ހޮނިހިރު ދުވަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ކުޅުދުއްފުށީ ކަރަންޓް މައްސަލަ 4 ދުވަސްތެރޭގައި ހައްލުކުރެވޭނެ ކަމަށާއި 800 ކިލޯވޮޓްގެ ޖެންސެޓް އިންސްޓޯލްކުރުމުގެ މަސައްކަތް އެންމެ ބޭނުންވާ ސްޕީޑްގައި ކުރިއަށްނުދާ ކަމަށެވެ. ނަމަވެސް މަސައްކަތް ހަލުވިކޮށްފައިވާނެ ކަމަށެވެ.

މީގެ ކުރިންވެސް ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ދިމާވެއެވެ. ނަމަވެސް މިއީ މި މައްސަލަ ދިގުލައިދިޔަ ފުރަތަމަ ފަހަރެވެ.

މުޒާހަރާގެ ބައިވެރިންވަނީ ފަހުން ފެނަކަ ކުޅުދުއްފުށީ އޮފީސް ސަރަހައްދު ދޫކޮށް ކަރަންޓް މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ބަލާލުމަށްކަމަށް ބުނެ، އިންޖީނުގެއަށް ވަނުމަށްގޮސްފަ އެވެ. ނަމަވެސް އެ މީހުން އިންޖީނުގެއަށް ވަނަނުދިނުމަށް ފުލުހުން އެ ސަރަހައްދުގައިވަނީ ފޯރިމަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355