ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން އެއްލައްކަ ޑޮލަރު ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު އަދި ޒަކާތުގެ ހައުސްގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ އަހުންނާ އުހުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ދިވެހި ރައްޔިތުން ޣައްޒާގެ ރައްޔިތުންނަށް އެހީގެ ފޮނުވި އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްދުކުރާ އެއް ލައްކަ ޑޮލަރު ފޮނުވާނީ ދެ ފަހަރަކަށް ބަހާލައިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތްތަކަށް އެހީވާ ފުރަތަމަ ފަހަރު ކަމަށް ވެސް ވިދާޅުވިއެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން ދޭން ނިންމާފައިވާ އެއްލައްކަ ޑޮލަރަކީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ބަޔަކަށް އެހީގެ ގޮތުގައި ދޭ ފުރަތަމަ އެހީ އެވެ.