twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕު ރާއްޖެއިން ހިނގައްޖެ

Apr 13, 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު މިދިޔަ ބުރާސްފަތި ދުވަހު ފައިބާފައިވާ ކަމަށާއި އެންމެ ފަހު ބެޗު ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް އަންނަ މަހުގެ 10 ގެ ނިޔަލަށް ރާއްޖެ ދޫކޮށް ދާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހިތަދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

"ބާކީ އޮތީ އެންމެ ޕްލެޓްފޯމެއް. ހަމަ ކުރީގައި ވެސް ދެ ގައުމުން ސޮއިކޮށްފައި އޮތް ގޮތަށް 10 މޭ ގެ ކުރިން އެ މީހުން ވެސް ގެންދާނެ, ފައިބާނެ، އެހެންވީމާ އެ ވައުދު ފުއްދުނީ ނޫންތޯ؟ މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މޭ ގެ ކުރިން ފައިބާނެ. އެހެންވީމާ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ހަމަ އެންމެ ފުރިހަމައަކަށް އެ ކަމެއް ކޮށްދޭން" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދެ ގައުމުން އެކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ތިން އުޅަނދު ދުއްވަން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށެވެ. އެހެންވެ، ބާލަމުންދާ އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ގެނެސްފައި ވަނީ އިންޑިއާގެ ސިވިލިއަނުންނެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ގެންދިޔައީ އައްޑޫގައި ތިބި 25 ސިފައިންނެވެ.

މީގެ އިތުރުން ލ. ކައްދުއާއި ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިން ތިއްބެވެ. އެ ތަންތަނުގައި ތިބި ސިފައިން ގެންދާނީ މޭ 10ގެ ކުރިންނެވެ.

މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، މިދިޔަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެންދިއުމަށް ކަމަށެވެ.

އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355