އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ބުރާސްފަތި ދުވަހު ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބޭއްވި ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ބޭއްވި 'ވަޠަނީ ބާރާއި ހައްގުވި މިންވަރު' ތަގުރީރު ތަފާތެވެ. ހުރިހާ ލޯތަކެއްގެ އަމާޒު މިހާރު ވަނީ ދެކުނު ދާއިރާގެ ނަތީޖާއަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފިނަމަ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ އިންކުއަރީއެއް ހެދުމަށް އަމިއްލަފުޅަށް މަޖިލީހަށް ގޮވާލާނެކަމަށެވެ.
ވަޠަނީ ބާރާއި ހައްގުވި މިންވަރު ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިސަރުކާރުން އެންމެ ޖެހިލުންވާ އެކަކީ އޭނާކަން ވޭތުވެދިޔަ ދެ ތިން ހަފްތާގައި ކުރިޔަށްގެންދިޔަ އެންޓިކެމްޕެއިނުން އެނގިވަޑައިގަންނަވާކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފުވާންޖެހޭކަމަށާއި އަބަދު ދޮގު ހެދުމުގެ ޖާގަ ނުދޭނެކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ލީކުކޮށްލާފައިވާ ތަހުގީގު ރިޕޯޓުން ތުހުމަތުކުރާ 13 މީހުންގެ ނަން ދައްކައިފިކަމަށްވާނަމަވެސް ވޯޓު ލުމުގެ ކުރިން އޭނާގެ ނަން އަނބުރާ ނަގާނެކަމަށެވެ. އަދި ޖިންސީ ކުށުގެ ޤާނޫނު ބުނާގޮތުން މީހަކަށް އެފަދަ އަނިޔާއެއް ދީފިނަމަ ޑޮކްޓަރަށް ދައްކަންޖެހޭ އެމީހަކަށް ލިބުނު އަނިޔާ ސާފުވާންޖެހޭކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާއާ ދެން މިއިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް މިއިންތިހާބުގައި ކުރެއްވިހާވެސް ކަމަކީ އެންޓި ކެމްޕެއިން ކުރުންކަމަށެވެ. ނަމަވެސް އަލީ ވަހީދު ނުކުމެ ހުންނެވީ އެ ކެންޑިޑޭޓާ ވާދަކުރައްވަން ނޫންކަމަށާއި ނުކުމެ ހުންނެވީ ރާއްޖޭގައި ހުރި މައްސަލަތަކާއި ކުޅުދުއްފުށީގައި ހުރި ކަންކަން ހައްލުކުރަންކަމަށެވެ.
"މިއީ ވަރަށް ކުރި, އަޅުގަނޑު މިއަދު ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މާތް ރަސްކަލާނގެ އިރާދަފުޅުން 22 އޭޕްރިލް ވަނަ ދުވަހުގެ އިރުއަރާއިރު އިރުއަރާނީ ނަޔާ ކުޅުދުއްފުއްޓަކަށް, އަޅުގަނޑުމެން ކުރާ އުންމީދުގެ އިރަށޭ," އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ގައުމީ ދިފާއީ ބާރުގެ ހާލަތު ރަނގަޅުކުރުން:
ކުޅުދުއްފުށީގެ ފުލުސް އޮފީހުގައި މިހާރު އެކަށީގެންވާ ޖަލަކާއި ވަސީލަތްތައް ނެތުމުން, ފުލުސް އޮފީހުގެ ހާލަތު ރަނގަޅުކޮށް, ފުލުސް އޮފީހަކީ ހިދުމަތް ދެވޭނެ ތަނަކަށް ބަދަލުކުރަން އިސްލާހް ހުށަހަޅާނެ ކަމަށާއި ދައުލަތަށް ހިދުމަތް ކުރުމުގައި ހުއްޓާ ގެއްލުން ލިބިއްޖެ ނަމަ ބަދަލު ލިބޭނެ ގޮތަށް ގާނޫނެއް ހެދުން.
ހޮސްޕިޓަލުގެ ހާލަތާއި މަސްވެރިންނަށް އިތުރު ފުރުސަތު ދިނުން:
ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރުމުގެ އިތުރުން ޕޭ ސްޓްރަކްޗާ ބަދަލުކޮށް, ސްޕެޝަލިސްޓުން ގެނައުން, ކުޅުދުއްފުށީ ހޮސްޕިޓަލަކީ ކޮންމެވެސް އެއް ރޮނގަކުން އެންމެ ފާހަގަކޮށްލެވޭ ހޮސްޕިޓަލަށް ހަދާނެ ކަމާއި ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދުތަކުން މޫސުމީކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ހޯދަން ގަރާރު ހުށަހަޅުން.
އުދުހުމުގެ އަގުތައް ހެޔޮކުރުމާއި ޒަމާނީ ނަޔާ އެއާޕޯޓެއް:
2800 – 3000 ރުފިޔާއާ ދޭތެރޭ އޮންނަ ޓިކެޓްގެ އަގު 2000އަށް ކުޑަކުރަން މަސައްކަތްކުރުމާއި އެއާޕޯޓުގައި ފާހާނާ ހަދައި, ވިޔަފާރި ކުރެވެން ގޮތާއެކު އަސާސީ ހިދުމަތް ލިބޭ ގޮތަށް ޒަމާނީ ކުރާނެކަމަށެވެ.
ރީހެބް ހެދުން އަދި އިންވެސްޓް އިން ނަޔާ ކުޅުދުއްފުށި:
ކުޅުދުއްފުށީގައި ރިހެބިލިޓޭޝަން ސެންޓަރެއް ހަދައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ހޯދައިދިނުންމާއި ރަށަށް ލާރި ވައްދައި, ވަޒީފާ އުފައްދަން އިންވެސްޓްމެންޓް ހޯދަން މަސައްކަތްކުރުން.
ބޯހިޔާވަހިކަމާއި އާރުޓީއެލް ރޫޓާއި ކައުންޓަރު:
ހައުސިން ސްކީމުން އެންމެންނަށް ބޯހިޔާވަހިކަން ލިބޭ ގޮތް ހަދައި, ބޮޑަށް ބޭނުންވާ މީހުންނަށް ތަރުތީބު ކުރެވޭނެ ގޮތް ހެދުން އަދި އާދައިގެ ހައުސިން އާއި ފައިސާ ހުރިއްޔާ މޯގޭޖް ކޮށްގެން ބޯހިޔާވަހިކަން ކަށަވަރު ކުރެވޭނެ ގޮތް ހެދުން މާއި އާރުޓީއެލްގެ ރޫޓުގައި ކުޅުދުއްފުއްޓަށް އިސްކަން ދޭ ގޮތަށް ބަދަލުކޮށް, މާލެއާ ހަމައަށް ސްޕީޑް ފެރީ ބޭއްވުން އަދި އާރުޓީއެލް ކައުންޓަރެއް ހެދުން.
އެސްޓީއޯ ފިހާރަ، ވެމްކޯގެ ކުނި ނެގުމުގެ އުސޫލު އަދި ޖޮބް މާކެޓް:
ކާޑުގެ ބޮޑު ސްޓޯރެއް ކުޅުދުއްފުއްޓަށް ގެނައުން, މާލޭގައި ކުރެވޭ ވިޔަފާރީ އުތުރުގައި ވެސް ކުރެވޭ ގޮތަށް ހެދުމާއެކު ވެމްކޯގެ ކުނި ނެގުމުގެ އުސޫލު އޮންނަ ގޮތް ބަލައި, އަގު ކުޑަކޮށްދިނުމެވެ. އަދި ޖޮބް މާކެޓް ކުޅުދުއްފުއްޓަށް ގެނައުން, ކެމްޕެއިން އޮފީސް ރައްޔިތުންނަށް ހިދުމަތްދޭ ތަނަކަށް ބަދަލުކުރާނެ އެވެ.
ހޯމްސްޓޭ އާއި ކުޅިވަރު ގާނޫން:
ހޯމްސްޓޭ ޑެސްކެއް ހަދައި, ފަތުރުވެރިން ގެނައުމާއި ކުޅިވަރު ގާނޫނު އިސްލާހުކޮށް, ވަޒީފާ އުފައްދައި މުސާރައަށް ބަދަލު ގެނައުން އަދި މާލޭގެ ކުލަބު ޖަމިއްޔާއަށް ފައިސާ ލިބޭނަމަ ރާއްޖެތެރޭގެ ކުލަބު ޖަމިއްޔާއަށް ވެސް ލިބޭ ގޮތް ހަދާނެ ކަމަށެވެ.
ވާނުވާ މައްސަލަ ހައްލުކުރުން:
ޖަލުގައި ވާނުވާ ޖަހާފައި ތިބޭ މީހުން ބެލެހެއްޓުމަށް ފައިސާ ނަގާ 'މާފިއާ' ނައްތާލުން
ޕޭ ހާމަނައިޒް ކުރުން:
ކިޔަވައިގެން ތިބޭ ޒުވާނުންނަށް ހައްގު މުސާރަ ހޯދައިދިނުން
ދަރަނިން މިންޖު ދިވެހިރާއްޖެ:
އަރަންޏަށް ގައުމު ގެނައުމުގެ މަސައްކަތް ފަށަން ގޮވާލައި, އެކަމަށް މަސައްކަތް ކުރުން
ލާމަރުކަޒީ ހަމަހަމަ ބަޖެޓް:
މިނިވަންކަމާއެކު ކުޅުދުއްފުށީ ތަރައްގީ ކުރުމަށާއި ލާމަރުކަޒީ ދިރިއުޅުމެއް އުޅުމަށް ފަހިކޮށްދިނުން
އަލީ ވަހީދު ވިދާޅުވި ގޮތުގައި މި ކެމްޕެއިން ތެރޭގައި އޭނާ ވަނީ ކުޅުދުއްފުށީގެ 800 ގެޔަކަށް ވަދެ, 1،000އަށް ވުރެ ގިނަ މީހުންނާ ފޯނުން ވާހަކަދައްކައި އުދާސްތައް އަހައިފައެވެ. އެ މައްސަލަތައް ފާހަގަކުރައްވައި, އޭނާ އިންތިޚާބުވެއްޖެ ނަމަ ގެންނަވާނެ ހައްލުތައް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މާޒީވި ތަޖުރިބާއަށް ބަލާއިރު ރާއްޖޭގެ ބަރުލަމާނުގައި ނުވަތަ ރާއްޖޭގެ ސިޔާސީ އެންމެ މަތީ ގެޔަކީ ރައްޔިތުންގެ މަޖިލިސް އެތަނަށް ހަގީގަތުގައި މީހަކު އިންތިޚާބުވެ ދިޔުމަށް ފަހު އެތަނުގެ އާޖުފާޖު އެނގި ފައިން ވެލި ހިކި އެތަން ރަނގަޅަށް އެނގޭނީ ދެވަނަ ދައުރަކަށް މީހާ ތަސައްރަފު ފުދިގެން," އަލީ ވަހީދު ވިދާޅުވިއެވެ.
އެހެންވެ, ކުޅުދުއްފުއްޓަށް މިފަހަރު ލިބިފައި އޮތް އެންމެ ރަނގަޅު ފުރުސަތަކީ އޭނާއާއެކު ކުޅުދުއްފުއްޓަށް ދެން ދެވަނަ ދައުރަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ވެސް ފުރުސަތު ދީ, ތަޖުރިބާކާރު ދެ މެންބަރުން ހޮވުން ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސަތުތައް ބަދަލުކުރާނީ ސިޔާސަތަކުން އެވެ.