ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްރީލަންކާގެ ކޮލަމްބޯއަށް ފަށާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް ވިއްކާ އެންމެ ހެޔޮ ރޭޓަކީ 165 ޑޮލަރު ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮޮލަމްބޯއަށް ފެށުމަށް ތައްޔާރުވެފަ އެވެ. މާލެއިން ކޮލަމްބޯއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.
މި ފެއާ ރޭޓްގައި 30 ކިލޯގެ ބެގޭޖް އަދި މީލް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
މީގެ އިތުރުން މޯލްޑިވިއަންގައި ލަންކާއަށް ދަތުރުކުރާ ފަސިންޖަރުންނަށް ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ލިބޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެ އެވެ.
އެ ގޮތުން ހިލޭ މެޑިކަލް ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަން ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. މީގެ އިތުރުން ޑެންޓަލް ޗެކަޕް އާއި ބޮޑީމާސް އިންޑެކްސް އަދި ލޮލުގެ ފެނުން ހިލޭ ޓެސްޓް ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.
ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ތެރޭގައި ފަސިންޖަރުންނަށް އޯޕީޑީ ލެބޯޓްރީ ޓެސްޓްތަކުން 15 ޕަސަންޓް ޑިސްކައުންޓް އަދި އެކްސް-ރޭ އިން ފަސް ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ބުނީ އެ އެއާލައިނުގައި އެހެން އެއާލައިނުތަކާއި ހިލާފަށް ތަފާތު ޔުނީކް ސެލިން ޕޮއިންޓުތަކެއް ހިމެނޭ ކަމަށެވެ. އަދި އެއްވެސް ގޮތަކަށް އާންމުކޮށް އެއާޕޯޓުތަކުން ނަގާ 'ސަޕްރައިޒް ފީތައް' ނުނަގާނެ ކަމަށް ވެސް އެ އެއާލައިނުން މައުލޫމާތު ދެއެވެ.
މި ފްލައިޓުތަކުގައި ހަރަކާތްތެރިވާނީ، ދިވެހި އަދި އިނގިރޭސި ބަސް ދަންނަ ސްޓާފުން ކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ. އަދި މާލެ އާއި ކޮލަމްބޯއާއި ދެމެދު ކުރާ މި ދަތުރުތަކުގައި އުމުރުން ދުވަސްވެފައިވާ މީހުންނަށް ވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން އަލަށް މި ތައާރަަފްކުރާ ހިދުމަތަކީ އަގުހެޔޮ އަދި މި ހިދުމަތުގެ ތެރެއިން ފަސިންޖަރުން ހިތްހަމަޖެހޭނޭ ފަަދަ ތަފާތު އެތަކެއް ހިދުމަތްތަކެއް ލިބޭނެ ކަމެކެވެ.