twitterviber whatsapp telegramfacebookyoutube instagram
20th May 2024

އުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

May 8, 2024

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ދަށުން، ކޮންމެ އަހަރަކުވެސް ދެފަހަރު އުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ދިނުމަށް އިއުލާނުކުރަން ޖެހޭނެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިއުލާންކުރާ ފުރަތަމަ ފަހަރެވެ.

މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށްކަމަށެވެ. އަދި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޮތް އެ ވުޒާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާންމުކުރައްވާފައިވާ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލްގައި ވަނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނިކަމަށެވެ.

މި އުސޫލުގައިވާ ގޮތުން އުމްރާއަށް ގެންދިއުމަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެއެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ހާއްސަ ބޭންކް އެކައުންޓެއް ހުޅުވަންވެސް ވަނީ ލާޒިމްކޮށްފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 50 ކުންފުންޏަކަށް ހުއްދަ ދޫކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355