ބޯން މެރޯ ހެދުމަށް ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ރޭ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މީގެ ކުރިން ބޯންމެރޯ މެޗު ހެދެނީ ވަރަށް ދަތި ހާލުން ކަމަށާއި އެ ޓެސްޓު ހެދުމަށް ބަލި މީހާއާއި ޑޯނަރުގެ އިތުރުން އާއިލާގެ މެންބަރުން ވެސް ބޭރަށް ދާން ޖެހޭ ކަމަށެވެ.
"އެހެންވީމަ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުން ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުން ދަނީ، އެހެންނަމަވެސް ﷲގެ ވާގިފުޅާއެކު ރައީސްގެ އިސްނެންގެވުމުގެ މަތިން މިއަދު ރާއްޖޭގައި ތިބެގެން މި ޓެސްޓު ހެދުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވިއެވެ.
ބޯން މެރޯޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖޭގައި ތިބިގެން ޓެސްޓް ހެދޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 7 މާރޗްގައި ފުރަތަމަ ބުރުގައި 13 މީހުން ޓެސްޓް ހަދާ ނިންމައިފި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަސް ތެރޭގައި ނޫނީ އަންނަ މަހު ޓެސްޓް ހެދުމުގެ ދެވަނަ ބުރު ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ އަތޮޅު ތެރޭގައި ތެލެސީމިއާ ޓެސްޓުތައް ހެދޭނެ އިންތިޒާމްތައް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލުތަކުގައި ބްލަޑް ބޭންކް ގާއިމް ކުރުމާއި، ރާއްޖޭގެ 20 އަހަރުގެ މާސްޓަރ ޕްލޭން އެކުލެވިގެންދާއިރު، ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ހޭލުންތެރި ކަން އިތުރުކޮށް ތެލެސީމިއާގެ ސްކްރީނިންގގެ ކަންކަން ސްޓްރީމްލައިން ކުރެވޭނެ ނިޒާމަކަށް ކަންކަން ގެންދިއުމަށް ކުރުން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ތެރެއިން ސަރުކާރުގެ ނިޒާމުގެ ތެރެއިން ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުން ޕްރޮގްރާމްތައް ހިންގުމާއި ގްރޭޑް 10 ނިންމުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން ގިނަ ގައުމެކެވެ.