ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރަނގަޅު ކުރުމުގެ މަސައްކަތް ހިންގަން ވަކި ރަށެއް ކަނޑައަޅައި އެ ރަށަށް ކުދިން ގެންގޮސް ދިގު މުއްދަތަކަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގަން ރާވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން އެ ރަށުގައި އެ ކުދިންނަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމްގެ ތެރޭގައި ތައުލީމުގެ އިތުރަށް ކުޅިވަރާއި ސައިކޯ ސޯޝަލް އިންޓަވެންޝަން ސެޝަންތައް ވެސް ހިމެނޭ ކަމަށެވެ.
"ނަތީޖާއަކީ ކުށުގެ ވެށީގައި އުޅެ ބޮޑުވާ ކުދިން، ރަނގަޅު މާހައުލެއް ލިބި އެ ކުދިންގެ ހަޔާތަށް އާ އުންމީދެއް ލިބިދިނުން، އެ ގޮތުން އަޅުގަނޑުމެން މި ރަށަށް ކިޔަން ނިންމާފައިވާ ނަމަކީ ވެސް ހޯޕް އައިލެންޑް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަށުގައި އެ ކުދިން، ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާނީ 18 އަހަރު ފުރެންދެނެވެ. އިހުސާން ވިދާޅުވި ގޮތުގައި 18 އަހަރު ފުރުމުން އެ ކުދިން ނަގާނީ ސަލާމަތީ ހިދުމަތްތަކަށެވެ. ފުލުހުންގެ ހިދުމަތަށް ނޫނީ ސިފައިންގެ ހިދުމަތަށެވެ. އެއަށް ފަހުގައި ވެސް އެސެސްމަންޓެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި ދުވަސްވަރަކަށް ބަލާފައި ދެން އަޅުގަނޑުމެން ފުރުސަތު ދޭނީ އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު މިހާރު އޮތް 15 އަހަރުގައި އޮތް އޮތުން 12 އަހަރަށް ދަށްކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އިހުސާން މިއަދު ވިދާޅުވީ އެ ގޮތަށް ބަދަލުކުރަން ނިންމީ އެ އުމުރުން ފެށިގެން ކުށުގެ ވެށީގައި އުޅޭ ކުދިން، ދައުލަތުގެ ބެލުމުގެ ދަށުން ފަރުވާ ދިނުމަށް ގާނޫނީ ބާރުވެރިކަން ހޯދުމަށް ކަމަށެވެ.
ކުށުގެ ވެށީގައި އުޅޭ ކުދިން ގެންދާނެ ވަކި ރަށެއް އަދި އެ ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ. އަދި އެކަމުގެ ގާނޫނީ އޮނިގަނޑު ތައްޔާރު ކުރާނެ ގޮތެއް ވެސް އޭނާ ވިދާޅެއްނުވެ އެވެ.