twitterviber whatsapp telegramfacebookyoutube instagram
5th July 2024

ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވާތީ ދިރާސާއެއް ކުރަން ނިންމައިފި

May 16, 2024

ކެންސަރުފަދަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ހިލާފަށް އިތުރުވެފައިވާތީ، ދިރާސާތަކެއް ކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ދިރާސާ ހަދަން ފައިސާ ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކެންސަރުގެ ފަރުވާ ވަރަށް އަގުބޮޑުކަމާއި، އެ ފަރުވާއަށް ބޮޑު ޖާގައެއް ވެސް ބޭނުންވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އާސަންދައިގެ ތެރެއިން އެ ބަލީގެ ފަރުވާ ރާއްޖޭން ބޭރުން ވެސް ހަމަޖެހިގެން ދިއުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އާސަންދައާއި އެންސްޕާގެ ތެރެއިން އެ ކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ހުރި ޕޭޝަންޓުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ވިއްޔާ އަޅުގަނޑުމެންގެ ފަރާތުން ކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ފަރުވާ ހޯދުމަށް ދިވެހީން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް ތަރައްގީކުރުމަށް މިދިޔަ ސަރުކާރުގައި ވަނީ ނިންމާފައެވެ.

މި ހޮސްޕިޓަލާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަހެއްގެ ތެރޭގައި އެ މަޝްރޫއުގެ ފީސިބިލިޓީ ޓެސްޓް ހެދުމަށް ފަހު، އެ ބަޖެޓަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތާ ހަމަޔަށް ދެވޭވަރުވާނެ ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ރާއްޖޭގައި ނިސްބަތުން ވަރަށް ބޮޑަށް އިތުރެވެ. އަދި، އެ އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައެވެ. އެ ގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. މީގެ ތެރެއިން 17 އިންސައްތައަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ. ކެންސަރުގެ އިތުރުން ވެސް ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން އިތުރެެވެ. އެ ގޮތުން ރާއްޖޭގެ އާބާދީގެ 14 އިންސައްތަ މީހުންނަކީ ހަކުރު ބަލި ތަހައްމަލުކުރާ މީހުންނެވެ.

ކުރީ ސަރުކާރުން މި ހޮސްޕިޓަލު ލ. ގަމުގައި އަޅަން ނިންމިއިރު، މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައި އެޅުމަށް ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355