މަގާމުތަކަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުތައް ގެންނަވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މިފަހުން އަމިއްލަ އަށް ވަކިވެވަޑައިގަތުމާއި ސަރުކާރުން ވެސް ބައެއް ބޭފުޅުން ވަކިކުރުމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ސަރުކާރުން ހިންގެވުމުގައި ރައީސަށް ފަސޭހަފުޅުވާ ގޮތަށް ނުވަތަ ކަންކަން ބައްޓަންކުރެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުންފުނިތަކާއި މިނިސްޓްރީތަކަށް މީހުން އައްޔަންކުރެއްވުމާއި ބަދަލުކުރެއްވުގެ މަސައްކަތް އަބަދުވެސް ކުރައްވާ ކަމަށެވެ. މިފަހުން އައި ބަދަލުތަކަކީ ވެސް އެގޮތުގެ މަތިން ރައީސް ގެންނެވި ބަދަލުތަކެއް ކަމަށް ހީނާ ވިދާޅުވި އެވެ.
"އެގޮތުގެ މަތިން ސަރުކާރުގެ ހިންގެވުމުގައި އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނީ. އެއީ އިނގޭތޯ އެ ސުވާލުގެ ޖަވާބަކީ،" ހީނާ ވިދާޅުވި އެވެ.
ސަރުކާރުގެ ބޮޑެތި ބައެއް ސިޔާސީ މަގާމުތަކަށް އިއްޔެ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގުއާއި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހް ރަޝީދާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހުމަދު ޒުހޫރު ވަނީ މަގާމުން ވަކިކޮށްފައެވެ.
ނަމަވެސް، ސިޔާސީ މަގާމުތަކަށް ގެންނަވާ ބަދަލުތަކާ ގުޅޭ މާ ބޮޑު ތަފުސީލެއް ނުދެއްވައެވެ.