twitterviber whatsapp telegramfacebookyoutube instagram
18th October 2024

އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފުކުރަނީ

ނަބީލާ އިސްމާޢީލް
May 27, 2024
1

ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ނިންމުމުގެ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަމަށެވެ.

މިއަދު މުޅި ދުނިޔޭގައި ވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށް ވުރެ ވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދިނުމާއި އުމްރާނީ ތަރައްގީއިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށް ވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާސިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަހަލަ، ޖިއޮގްރަފީގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމު ތަކަށް މިކަން ވަރަށް މުހިންމު ކަމަށެވެ.

އަދި ދެ ފަރާތުގެ މެދުގައި ގުޅުން ގާއިމުކޮށް ތަޖުރިބާ ހިއްސާކުރެވޭނެ މަގުފަހި ކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަގުބަލަށް އެޅޭ ހުރަހަކަށް މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބޭންކުތަކަށާއި ބައިނަލްއަގްވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

"އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، އެންޓީގާ އެންޑް ބާބިޔުޑާގެ އެޖެންޑާ ހާސިލްކުރެވޭނީ، ސިޑްސްގެ ގައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތްކޮށް، އެންމެން ޝާމިލުވާގޮތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ ވިލުންތެރި މަސައްކަތުގައި ވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަމަށް ވިދާޅުވަމުންނެވެ.

ރައީސް ތަގްރީރުކުރެއްވި މި ރަސްމިއްޔާތަކީ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯއެޗްއާރްއެލްއެލްއެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރާވަޑައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ "ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުން" މިއެވެ.

ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސް މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355