އުރީދޫ މޯލްޑިވްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސް ވަނަ އަހަރަށް އާކޮށްފި އެވެ.
މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް އާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ހުނަރު ބިނާކުރުމަށް އަދި ފުޓުބޯޅައިގެ ފޯރި ދިރުވާ އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފަ އެވެ.
މާޒިޔާ ސްޕޯޓްސް ކުލަބު 1996 ވަނަ އަހަރު އުފެދުނު ހިސާބުން އަންނަނީ ފާހަގަކުރެވޭ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން ދިވެހި ޕްރިމިއާ ލީގު (2016), (2019-2020) އަދި (2020-2021)ގެ ސީޒަން ކާމިޔާބުކުރުމާއެކު، 2015ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް އެ ކްލަބުން ވަނީ ހޯދާފައެވެ.
އުރީދޫ އާއި އެކު ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށްވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށް ދިނުމުގައި އުރީދޫ ވަނީ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ.
އެ ގޮތުން ރާއްޖޭގައި ބޭއްވުނު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަހުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސް އެވެ.
ޓައިޓަލް ސްޕޮންސާގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.