twitterviber whatsapp telegramfacebookyoutube instagram
8th September 2024

ހުރިހާ ސްކޫލެއް އޭސީ ކުރަން "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި

ނަބީލާ އިސްމާޢީލް
Jun 2, 2024
1

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން، "ކޫލް ސްކޫލް" ޕްރޮޖެކްޓް މިއަދު އިފުތިތާހްކޮށްފި އެވެ.

މާފުށީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއް އޭސީ ކުރަން މި ފަށާ ޕްރޮޖެކްޓަކީ ފިނިކުރުމަކުން ނިންމާލާ ކަމެއް ނޫން ކަމަށެވެ.

"ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސް ވާނެ. ފިނިކަމާ އެކު ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ. ޓީޗަރުންނާއި ސްކޫލު މެނޭޖްމެންޓާއި ބެލެނިވެރިން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާން ވާނީ ރަށަށް، ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާކުރުވަނިވި ފިލާވަޅުތަކެއް، ތަރުބިއްޔަތު ތަކެއް އަދި ކާމިޔާބު ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން." މިނިސްޓަރު ވިދާޅުވި އެވެ.

އަދި މި މަޝްރޫއުގެ ފޭސް ދޭއްގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ހަރަދު ކުޑަވެގެންދާނެއެވެ.

ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުލާސް ރޫމުތަކުގައި އޭސީ ހަރުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އިއުލާނުކުރެއްވީ މިދިޔަ މަސް ތެރޭގައެވެ.

އެ މިނިސްޓްރީން ބުނީ، މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

’ކޫލް ސްކޫލް‘ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355