twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް: ޗެމްޕިއަން ޓީމަށް 75000 ރުފިޔާ

ނަބީލާ އިސްމާޢީލް
Jun 3, 2024
1

ކުޅުދުއްފުށި ސިޓީގައި ބާއްވާ އެންމެ އެންމެ ޝަފަރުވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ "ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 2 ވަނަ ދުވަހު އެވެ. މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ފުރަތަމަ ބައިވެރިވާ 8 ޓީމަށެވެ. އަދި ރެޖިސްޓްރީވުމުގެ ސުންގަޑިއަކީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިންނެވެ.

މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިް ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެ އެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މިމުބާރާތުގައި ބޭނުންކުރާނީ ފީފާ މެޗް ސްޓޭންޑާޑް 5 ނަމްބަރު ފުޓްބޯޅަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު މުބާރާތުގައި ބައިވެރިވެވޭނީ ރަސްމީކޮށް (މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތް މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަންގައި) ރަޖިސްޓްރީކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. އަދި ކޮންމެ ކުލަބަކަށްވެސް ބައިވެރިކުރެވޭނީ އެންމެ ޓީމެކެވެ.

ކޮންމެ ޓީމެއްގައިވެސް ހިމެނޭނީ 22 ކުޅުންތެރިންނާއި 5 އޮފިޝަލުންނެވެ. ޓީމުގައި ގިނަ ވެގެން ހިމެނޭނީ ރަށުން ބޭރުގެ 3 ކުޅުންތެރިންނެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިން ވެސް ހިމެނޭނެ އެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ އަދަދަށް ރިއާޔަތްކޮށް އިތުރު އެހެން ރަށްރަށުގެ ޓީމުތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެ އެވެ.

މުބާރާތް ކުޅެވޭނީ ކަޕް ފޯމެޓަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި 5 ޓީމަށް ވުރެ ގިނަވެއްޖެނަމަ މުބާރާތް ކުޅޭނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގައި ހޮވާ ވަނަތައް:

ޗެމްޕިއަން ޓީމު (ޓްރޮފީ) 75000 ރުފިޔާ: މިއީ މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތެވެ.
ރަނަރއަޕް ޓީމު (ޓްރޮފީ) 20000 ރުފިޔާ
ފެއަރ ޕްލޭ ޓީމު (ޝީލްޑް)
ބެސްޓް ޕްލޭޔަރ (ޓްރޮފީ) 2500 ރުފިޔާ
ބެސްޓް ޔަންގް ޕްލޭޔަރ (ޓްރޮފީ) 2000 ރުފިޔާ
ބެސްޓް ސްޓަރައިކަރު، މިޑްފީލްޑަރު އަދި ޑިފެންޑަރާއި ގޯލްކީޕަރު (ޓްރޮފީ) 1500 ރުފިޔާ
ޓޮޕް ސްކޯރާ (ޓްރޮފީ)
ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް (ޓްރޮފީ)
ބެސްޓް ކޯޗު (ޓްރޮފީ)

މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތުގެ އަގުބޮޑުއިރު މިއީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށްދީފައިވަނީ 60 ހާސް ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދިނީ 15 ހާސް ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355