ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި މަޖިލީހުން ކަނޑައެޅި މެންބަރުގެ ހައިސިއްޔަތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިއަދު ރައީސް އައްޔަންކުރައްވައިފިއެވެ.
އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުސައިން ރިޒާ އައްޔަންކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.
އިއްޔެގެ ޖަލްސާގައި މެންބަރު ރިޒާ ޖޭއެސްސީއަށް އައްޔަންކުރަން އެ ވަގުތު ވޯޓުގައި ބައިވެރިވެވަޑައިގެން 83 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.
ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައެވެ.
ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ނިޔާޒު - ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރި ފަނޑިޔާރު
މަޖިލީހުގެ ރައީސް އަބްދުއްރަހީމް
މަޖިލީހުން ކަނޑައެޅި މެންބަރު ރިޒާ
ފަނޑިޔާރު ހުސްނުއްސުއޫދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރު
އަލީ ޝަރީފް - ދަށު ކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު
މުހައްމަދު ނާސިހު - ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
އަހްމަދު އުޝާމް - ބަންޑާރަނައިބު
މެންބަރު މުހައްމަދު ސަމީރު - ރައީސްގެ މެންބަރު
އަލީ އަބްދުއްލަތީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރި މެންބަރު
މިދިޔަ 19 ވަނަ މަޖިލީހުގައި ޖޭއެސްސީއަށް ކަނޑައެޅީ އޭރުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އޭނާ ވަނީ ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވައިފައެވެ.