ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ގާބިލުކަން އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މިއަދު ހެދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވާސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ޔުނިވާސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުއާމަލާތު ކުރުމުގެ ގާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ގާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ގާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ޔުނިވާސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި އިލްމާއި ހުނަރު ތަރައްގީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ ދަސްވެނީންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ފަހުގެ ތާރީހުގައި ދިވެހި އިސްލާމީ މުޖުތަމައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީހީ ހިޔާވައްސެއްކަން ފާހަގަކުރައްވައި އެ ޔުނިވާސިޓީގެ ފެށިގެންއައި ގޮތުގެ ތާރީހަށްވެސް އެކަމަނާ އަލި އަޅުވާލައްވާލެއްވި އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ދަސްވެނިވި ބައެއް ދަރިވަރުނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.