twitterviber whatsapp telegramfacebookyoutube instagram
27th July 2024

މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ދެއްވި ދައުވަތު ރައީސް ގަބޫލުފުޅުކުރައްވައިފި

ނަބީލާ އިސްމާޢީލް
Jun 8, 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ ރަސްމިއްޔާތަށް ރައީސަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު އެ މަނިކުފާނަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ކަމަށެވެ.

ދައުވަތު އެރުވުމަށް ސަފީރު ވަޑައިގަތުމުން ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަގަމުގެ ހުވާކުރެއްވުމުގެ މުހިއްމު ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދައުވަތު ގަބޫލުކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ތާރީހީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށާއި އެ ރަސްމިއްޔާތަށް ދައުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ދެ ގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަކަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އިންޑިއާގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355