twitterviber whatsapp telegramfacebookyoutube instagram
5th July 2024

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ ޖޮބް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

އަބްދުލް ވާހިދު ޙަސަން
Jun 10, 2024
2

ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުން މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ ވަޒީފާގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި މައުރަޒުގައި 9 އިދާރާއަކުން ބައިވެރިވެ އެތަންތަނުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށްދެވެން ހުރި ދާއިރާތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.

މައުރަޒު ނިންމާލުމުގެ ގޮތުން އާދިއްތަދުވަހު ހަވީރު އެތަނުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ ވިދާޅުވީ، މި ހަރަކާތް ވަރަށް ކާމިޔާބުކަމަށާއި ދެ ދުވަހުގެ ތެރޭގައި 300 އަށްވުރެ ގިނަ ފަރާތްތަކުން މައުރަޒަށް ޒިޔާރާތްކޮށް މައުލޫމާތު ހޯދި ކަމަށެވެ.

" މިއީ އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ހަރަކާތެކޭ. މި ދެ ދުވަސްތެރޭގައި ގާތްގަނޑަކަށް 300 އެއްހާ މީހުން މި ފެސްޓިވަލަށް ޒިޔާރާތްކުރިކަން ފާހަގަކުރެވޭ."

ގިނަ އަދަދަކަށް ޒުވާން ކުދިން މައުރަޒަށް ޒިޔާރާތްކުރިކަން ފާހަގަކުރައްވަމުން އައިމިނަތު ވިދާޅުވީ، އެ ކުދިންނަށް ރާއްޖޭގެ މުއައްސަސާތަކުގައި ހުރި ފުރުސަތުތަކާއި ކޯސްތަކުގެ މައުލޫމާތު މި ހަރަކާތުގެ ތެރެއިން ލިބިގެންދިޔަކަން އައިމިނަތު ވިދާޅުވި އެވެ.

ބައިވެރިވި އިދާރާތަކުން ރަނގަޅު ހިޔާލުތަކެއްވެސް ލިބިގެންދިޔަ ކަމަށާއި އަންނަ އަހަރު މައުރަޒު ބޭއްވިގެންދާއިރު އެ ހިޔާލުތަކަށް ބަލައި މައުރަޒުގެ ކަންކަން އިތުރަށް ރަނގަޅުކުރެވޭނެކަމަށް އައިމިނަތު ވިދާޅުވި އެވެ.

މިއަހަރުގެ މި ފެސްޓިވަލުގައި އެމްއެންޔޫގެ އިތުރުން ސިޓީ ކައުންސިލާއި އެމްޓީސީސީ، ދިރާގު، އުރީދޫ، ދިވެހި ރެޑްކްރެސެންޓް، ފުލުހުން، ސިފައިން، ބިޒްނަސް ސެންޓަރު، ކޭއާރުއެޗް ބައިވެރިވި އެވެ.

މި މައުރަޒުގެ ބައެއް ސްޓޯލްތަކުގައި ތިބި ބޭފުޅުންނާ ވާހަކަދައްކާލުމުންވެސް ވިދާޅުވީ، މިހާތަނަށް ބޭއްވިފައިވާ ޖޮބް ފެސްޓިވަލްތަކަށް ބަލާއިރު މާލެ ސަރަހައްދު ފިޔަވާ އެންމެ ބޮޑު ތަރުހީބެއްގެ ލިބިގެންދިޔައީ ކުޅުދުއްފުށީގައި ކުރިއަށްދިޔަ ފެސްޓިވަލުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355