ކުށެއް ކޮށްފިނަމަ، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ބަދަލު ހިފުމުގެ ރޫހު މިހާރު ނޯންނާނެ ކަމަށާއި، އެހެން ނަމަވެސް ކުށެއް ކޮށްފިނަމަ، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވީ ގޮތަށް މިހާރު އެކަން މި ގައުމުން ނައްތާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނާ އެކީގައި ރައްޔިތުން ތިބިހާ ހިނދަކު މި ގައުމަކުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ،" ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް މި ގައުމުގައި އަދުލު އިންސާފު ގާއިމް ކުރެވޭނެ ކަމަށާއި، ކޮރަޕްޝަނާއި ވައްކަމަށް ފުރުސަތެއް ނޯންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އެ ފަދަ ކުށްތައް ކުރާ މީހުންނާ މެދު އެ މަނިކުފާނު އިސްވެ ފިޔަވަޅު އަޅުއްވާނެއެވެ.
އެމަނިކުފާނު ވިދާޅުވީ ނާޖާއިޒު ގޮތުގައި ކަންކަން ކުރުމަކަށް ޖާގައެއް ނޯންނާނެކަމަށާއި އެއީ ބަދަލު ހިފުން ނޫން ކަމަށާއި، އެއީ އިންސާފު ގާއިމްކުރުން ކަމަށެވެ.
"އެހެންވީމާ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވިއެވެ.
ރޭ ޕީއެންސީގެ ޖަގަހަ ހުޅުވިގެން ދިޔައީ މީގެކުރިން އެމްޑީޕީގެ މައި ސިޔާސީ ހަރުގޭގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރި ހ. ވެޔޮވިލާ ގޭގައެވެ. ހ. ވެޔޮވިލާ، އެމްޑީޕީގެ ހަރުގޭގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ބޭނުން ކުރުމަށްފަހު އެ ތަން ބަދަލުވީ ދަ ޑިމޮކްރެޓްސްގެ ހަރުގެއަށެވެ.