twitterviber whatsapp telegramfacebookyoutube instagram
8th September 2024

ސޯލްފިޓްގެ ފަރާތުން 'ތިން އިޓް ޓު ވިން އިޓްގެ' ނަމުގައި އާ ކަސްރަތު ޕްރޮގުރާމެއް ފަށަނީ، އެއްވަނަ އިނާމަކަށް 10،000 ރުފިޔާ

އަބްދުލް ވާހިދު ޙަސަން
Jul 1, 2024

'ތިން އިޓް ޓު ވިން އިޓް' ގެ ނަމުގައި ސޯލްފިޓް އިން 10،000 ރުފިޔާގެ އިނާމެއް ލިބޭ އާ ކަސްރަތު ޕްރޮގުރާމެއް އިއުލާނުކޮށްފި އެވެ.

14 އަހަރުން މަތީގެ ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮކަމަށް ބާރު އެޅުމާއި ކަސްރަތަށް އަހުލުވެރިކުރުވުމެވެ. އަދި މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ބަރުދަން ލުއިކޮށްފަ ބެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ.

ސޯލްފިޓްގެ ފަރާތުން އިމްރާން މުހައްމަދު ވިދާޅުވީ، ދެ ޖިންސަށް ވަކިން ހުޅުވާލައިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ހަފުތާގެ ފަސް ދުވަހު ކަސްރަތު ކުލާސްތައް އޮންނާނެ ކަމަށާއި އަދި ހާއްސަ ޑައިޓެއްވެސް ނަގަން ޖެހޭ ކަމަށެވެ. ޑައިޓްގައި އެކުލެވެ ރެސިޕީތަކުގައި ބޮޑަށް ހުންނާނީ ދިވެހިވަންތަ އަދި ބާޒަރުން ފަސޭހައިން ލިބެން ހުންނަ ތަކެތިން ކަމަށް ސޯލްފިޓުން މައުލޫމާތުދެ އެވެ.

އަދި މި ޕްރޮގުރާމްގެ ތެރެއިން ދުޅަހެޔޮކަމާއި ކަސްރަތާ ބެހޭ ތަފާތު މައުލޫމާތާއި ގުޅޭ ތެރެޕީތައްވެސް ލިބިގެންދާނެ ކަމަށެވެ. މިއީ 6 މަސްދުވަހަށް ހިންގާ ޕްރޮގުރާމެކެވެ.

ކޮންމެ ކުލާހެއްގައިވެސް ލިމިޓެޑް އަދަދަކަށް ބައިވެރިން ތިބޭއިރު އަންހެނުންނަށް ފަސޭހަކުރަން ތިން ވަގުތެއްގައި ކުލާސްތައް ކުރިއަށްދާނެ އެވެ.

ކުލާސްގެ ގަޑިތައް:

  • އަންހެނުން [ 07:08 | 1615:1715 | 1845:1945 ]
  • ފިރިހެނުން [ 1730:1830 ]



މި ޕްރޮގުރާމުގައި އެއްވަނައަށްދާ ފަރާތްތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ވިނަރ ހޮވާނީ 'ފެޓްލޮސް' ޕަސެންޓޭޖް ބަލައިގެން ކަމަށެވެ. އެއީ އެންމެ ފެއަރކޮށް ވިނަރ އެއް ކަނޑައެޅޭނީ ފެޓްލޮސް ޕަސެންޓޭޖުން ބަލައިގެންކަމަށްވާތީ ކަމަށް ސޯލްފިޓުން މައުލޫމާތުދެ އެވެ. މިއީ ކޮންމެ ހަ މަހަކުން ދާއިމީ ގޮތެއްގައި ކުރިއަށްގެންދާނެ ޕްރޮގުރާމެކެވެ.

މި ކަސްރަތު ޕްރޮގުރާމް ފަށަނީ ޖުލައިމަހުގެ 14 ވަނަ ދުވަހު އެވެ. މި ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޖުލައިމަހުގެ 10 ވަނަ ދުވަހެވެ. މި ޕްރޮގުރާމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 7999323 ނަންބަރަށް ގުޅުމުން ސާފުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355