ހދ އަތޮޅު ކައުންސިލުން ކުޅުދުއްފުށީގައި ގާއިމުކުރި އެއްގަމު އުޅަނދު ދުވުމުގެ ލައިސަންސް ޓްރެކް ބޭނުންކުރަން ފަށައިފި އެވެ. މި ޑްރައިވިންގ ޓްރެކް ގާއިމުކޮށްފައިވަނީ ކަނބޯރަނި ހިޔާ ސަރަހައްދުގަ އެވެ.
1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި ޑްރައިވިންގ ޓްރެކް ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާފައިވާކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ. އަދި ފަރިތަކުރަން ބޭނުންވާ ފަރާތްތަކަށް ޓްރެކް އާންމުކޮށް މިހާރު ހުޅުވާލާފައިވާކަމަށްވެސް އަތޮޅު ކައުންސިލުން ބުނެ އެވެ.
ކުޅުދުއްފުށީ ޑްރައިވިންގ ޓްރެކެއް ހެދުމަށް ބޭނުންވާ ބިން އަތޮޅު ކައުންސިލަށް ދިނީ 2017 ވަނަ އަހަރު އެވެ. އެކަމަކު ތަފާތު ސަބަބުތަކާހެދި އެ މަސައްކަތް ނުފެށި ދިގުލައިދިޔަ އެވެ. ފުރަތަމަ ޑްރައިވިންގ ޓްރެކެއް ހެދުމަށް ބިން ހަމަޖައްސައިދިނީ އެމްޑަބުލިއުއެސްސީ އޮފީހުގެ އުތުރުން އޮތް ބިމެވެ.
ނަމަވެސް ސިޓީ ކައުންސިލުން އިންތިހާބުވުމަށްފަހު އެ ބިމަކީ ހައުންސިންގ މަޝްރޫއެއް ފަދަ މުހިންމު މަޝްރޫއެއް ހިންގަންވެސް އެކަށީގެންވާ ބިމަކަށްވާތީ، ޓްރެކް ހެދުމަށް ބޭނުންވާ ބިން ކަނބޯރަނި ހިޔާ ސަރަހައްދަށް ބަދަލުކުރީ އެވެ. އެއީ އެ ސަރަހައްދަކީ އެއާޕޯޓް ސަރަހައްދުކަމުން އެތަނުގައި އުސްކޮށް އިމާރާތްނުކުރެވޭނެތީއާވެސް އެކު އެވެ.
ލައިސަންސް ނެގުމުގެ ހިދުމަތް ދޭ ކަމަށް ވަންޏާ ރަނގަޅު ފެންވަރުގެ ޓްރެކެއް ހަދަން ޓްރާންސްޕޯޓުން ލާޒިމުކުރާއިރު ލައިސަންސް ޕްރެކްޓިކަލް ޓެސްޓް ބާއްވަމުން އައީ ނިކަގަސްމަގުގެ އިރުމަތިކޮޅު އަމީރުއަމީން ސްކޫލް ކައިރީގަ އެވެ.